މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން ޝަންގްރިލާގެ އިސް މެނޭޖްމަންޓާއި ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި، ސަންގްރިއްލާ ގްރޫޕް ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް މިސްޓަރ ކްރިސްޓޮފަރ ފޮންގް، އެ ރިޒޯޓު ހިންގުމުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވައި، ރިޒޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަޕްޑޭޓެއް ދެއްވިއެވެ. އަދި ސަރުކާރުގެ ފަރާތުން ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ފާޅުކުރައްވައި، މިކަމަށް މަގުފަހިކުރުމަށް ސަރުކާރަށް ދެވިދާނެ ލުއިތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މި މަޝްވަރާގެ ސަބަބުން، ރިސޯޓް އަލުން ހުޅުވުމަށް ތަފްޞީލީ ރޯޑްމެޕެއް އެކުލަވާލައި ރިޒޯޓު ހުޅުވުމުގެ މަސައްކަތް އަވަސްމުއްދަތެއްގެ ތެރޭގައި ނިންމެވުމަށް ޝަންގްރިލާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެއްބަސްވެވަޑައިތެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އަދި ޝަންގްރިއްލާ ވިލިނގިލި ރިޒޯޓު އެންޑް ސްޕާ އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށާއި މުޅި ދެކުނުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމެއްކަން މަޝްވަރާގެ ބައިވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޝަންގްރިއްލާގެ ފަރާތުން ޝަންގްރިއްލާ ގްރޫޕުގެ ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސްޓޮފަރ ފޮންގް ގެ އިތުރުން ޝަންގްރިއްލާ މޯލްޑިވްސްގެ ފައިނޭންޝަލް ކޮންޓްރޯލަރ ނިލޯ އަދި ޑިރެކްޓަރ އޮފް ގަވަރމަންޓް އެންޑް ޕަބްލިކް އެފެއާޒް ސައުދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން، ޝަންގްރިއްލާގެ ފަސް ސީނިއަރ އެގްޒެކެޓިވުން އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، މި ސަރުކާރުން ވެސް ޝަންގްރިއްލާގެ މައްސަލަ ހައްލު ކުރުމަށް ތަފާތު އެކި ތާރީހުތައް ދިންނަމަވެސް މުއްދަތު ފަހަނަޅައިދާއިރު ވެސް ރިސޯޓު އޮޕަރޭޝަނަށް ގެނެވިފައި ނުވެއެވެ.
ހިންގުން ހުއްޓިފައި އޮންނަތާ އަހަރުތަކެއްވެފައިވާ ޝަންގްރިއްލާގެ މީގެ ކުރިން ސަރުކާރުގެ އޮތީ 30 އިންސައްތަ ހިއްސާއެވެ. އަދި އެ ހިއްސާ ދޫކޮށްލީ ރައީސް ސޯލިހުގެ ސަރުކާރުގައެވެ.
ޖޮއިންޓް ވެންޗަރ އުސޫލުން ހިންގަމުން އައި ރިސޯޓުގެ ކަންކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ބަލާފައި ނެތްކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ ދައުރުގައި ވެސް އެކި ތާރީހުތައް ދީ މައްސަލައަށް ހައްލެއް އަންނާނެކަމަށް ވިދާޅުވި ނަމަވެސް، މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ.
އެހެން ނަމަވެސް އޭރު ރައީސް ސޯލިހު ވިދާޅުވީ ރިސޯޓުގެ ހިއްސާ ދޫކޮށްލުމަށް ބެލިއިރު، ކުންފުނި ހިންގާފައި އޮތީ ގެއްލުމެއްގައިކަމަށެވެ. އަދި ހިއްސާ އޮތީ ނެގެޓިވްގައިކަން ފާހަގަކޮށް ވިދާޅުވީ ހިއްސާ ދޫކޮށްލަން 70 މިލިއަން ޑޮލަރު ބޭނުންވާކަމަށެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު، އައްޑުއަށް ވަޑައިގެން އޮތް ޖަލްސާއެއްގައެވެ.
އެއަށް ފަހު އުފެދުނު މި ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ ވެރިކަމުގެ ފުރަތަމަ އަހަރު ޝަންގްރިއްލާ ރިސޯޓު ހުޅުވައި ހިދުމަތް ފެށުމެވެ. އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ މުހައްމަދު ފައިސަލް އައްޑުއަށް ވަޑައިގެން، ތަނުގެ ހާލަތު ވެސް ބައްލަވާފައިވެއެވެ.

