ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު ވައްކަން ކުރުމަށް މަގުފަހި ކުރުވި މީހެއް ހުންނާނެ، ޖިނާއީ ތަހުގީގެއްކޮށް ދައުވާކުރަންވީ މީހަކީ އެއީ: އަސަދު

ގއ. ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ދުވަސްވަރު ރާއްޖެއަށް ގެންނަން ފައިސާ ދެއްކި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެ ޕްރޮޖެކްޓު ހަވާލު ކުރި ދުބާއީގެ ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެމްބަރުން ވިދާޅުވެއްޖެ އެވެ.

މިއީ 2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑުގެ ބަލިމަޑުކަމުގައި ދިމާވެދާނެ އެންމެ ގޯސް ހާލަތަށް ބެލުމަށް ފަހު ރާއްޖެއަށް ގެނައުމަށް ފައިސާ ދެއްކި ވެންޓިލޭޓަރުތައް އޭގެ ހަތަރު އަހަރު ފަހުން ވެސް އަނބުރާ ނުގެނެވިވާ މައްސަލައެކެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓްރައިބިއުނަލްއަށް ވެސް ހުށަހެޅި އެވެ.

އެ މައްސަލަ ހުށަހަޅައި ރާއްޖެއިން އެދުނީ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އަދި ވެންޓިލޭޓަރުތައް ގެނެސްދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ބަދަލަށް ވާ ޖުމްލަ 32 މިލިއަން ރުފިޔާ ނުވަތަ ދެ މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ޖުމްލަ 34.64 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދެއްކުމަށް އާބިޓްރޭޝަނުން އެންގި ނަމަވެސް އެއްވެސް އަޑުއެހުމެއްގައި އެ ކުންފުނިން ބައިވެރިނުވެއެވެ. އަދި މިހާތަނަށް ވެސް ފައިސާ ވެސް ވެންޓިލޭޓަރު ވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

މައްސަލައިގައި މިއަދު ވާހަކަ ދެކެވުނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގަ އެވެ. މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ގއ. ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކެއް އެބަހުރިކަމަށާއި އެއާއި ހިލާފުވީ ކޮންމެ މީހަކަށް އެކަމެއް ބަލައި ފިޔަވަޅު އަޅަން ޖެހޭކަމަށެވެ. ހަ އަހަރު ފާއިތުވެގެން ދިޔައިރު ދައުލަތަށް ގެއްލުނު ވެންޓިލޭޓަރުގެ ފައިސާ ލިބިފައި ނުވާއިރު، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފުވެ އެޕްރޫވަލް ދޫކުރި މީހެއް ހުންނާނެކަމަށް އަސަދު ވިދާޅުވި އެވެ.

އަސަދު ވިދާޅުވީ ދައުލަތަށް މިހާ ބޮޑު ގެއްލުމެއް ލިބެން މެދުވެރިވި މީހެއް ހުންނާނެކަމަށާއި، އަދި އޭނާ ހޯދުމަކީ ވެސް އުނދަގޫ ކަމަކަށް ނުވާނެކަމަށެވެ. އޭގެ ސަބަބެއްކަމަށް އަސަދު ވިދާޅުވީ ސޮއިކޮށްފައި ހުންނާނެ ލިޔެކިއުންތައް ވެސް ފެންނާން ހުރުމުންނެވެ. އެހެންކަމުން މާލިއްޔަތު ގާނޫނާއި ހިލާފުވި މީހާއިން ފެށިގެން ގޮސް، އެ ފައިސާ ދޫކުރި މީހާ ވެސް ހޯދެން ޖެހޭކަމަށް އަސަދު ވިދާޅުވި އެވެ.

އަސަދު ވިދާޅުވީ ދައުލަތަށް މާލީ ބޮޑެތި ގެއްލުންތައް ދޭ މައްސަލަ ސީރިއަސްކޮށް ބަލައި ޖިނާއީ ދައުވާތައް އެބައެއްގެ މައްޗަށް ކުރެވެން ޖެހޭކަމަށެވެ. އެފަދަ ފިޔަވަޅުތައް އެޅުން ވެގެން ދާނީ އަސަދު ވިދާޅުވި ގޮތުގައި ގާނޫނާއި ހިލާފުވާ މީހުންގެ އަދަދު މަދުވާނެ ސަބަބަކަށެވެ.

ވެންޓިލޭޓަރު ވައްކަން ކުރުމަށް މަގުފަހި ކުރުވި މީހާ، މާލިއްޔަތު ގަނޫނާއި ހިލާފަށް އެ ފައިސާ ދޫކުރި މީހާ ހޯދައި ފިޔަވަޅު އަޅަން ޖެހޭ.. މިރާއްޖޭގައި އެބަހުރި ގާނޫނާއި ގަވައިދުތަކެއް ހެދިފައި..

މީގެއިތުރުން އަސަދު ވަނީ، ހިޔާނާތް ހިންގާ މީހުންނާއި މަގާމުގެ ނާޖާއިޒް ފައިދާ ނަގައި ވައްކަން ކުރާ ހުރިހާ އެންމެންގެ މައްޗަށް ވެސް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ. އަދި އޭނާ ވިދާޅުވީ ހިޔާނާތުގެ މައްސަލަތަކުގައި އަބަދުވެސް އިސްކަން ދެވެނީ ވަކި ބާވަތެއްގެ ކުށުގެ ތުހުމަތުތަކަށްކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެން ނަމަވެސް އޭގެ ބަދަލުގައި އެއްހަމައަކުން މައްސަލަތައް ބަލައި، ވީހާވެސް އަވަހަށް ފިޔަވަޅު އަޅަން ޖެހޭކަމުގައި އަސަދު ވަނީ ވިދާޅުވެފަ އެވެ.

މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ އެ ކުންފުނި ގޮވައިގެން އާބިޓްރޭޝަނަށް ގޮސްގެން ވެސް ފައިސާ ހޯދޭނެ ގޮތެއް ނުވިކަމަށެވެ. މިއާއި އެކު ކުންފުނީގެ ވެރި މީހާ އަދި މިހާތަނަށް ވެސް އައިޑެންޓިފައި ކުރެވިފައި ނުވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގައި ނާޒިމް ވިދާޅުވީ އެގްޒެކިއުޓަސް ކުންފުނީގެ ވެރިޔާ ހޯދައި، ނޯޓިސް ނެރޭ ހިސާބުން އޭނާ އަތު ނުވާންވީ ސަބަބެއް ނެތްކަމަށެވެ. އަދި އޭނާ ހޯދައިގެން ފައިސާއަށް ކުރީ ކީއްތޯއާއި ރިޝްވަތުގެ ގޮތުގައި ބަޔަކަށް ފައިސާ ދިންކަން ނުވަތަ ނޫންކަން ވެސް އެނގޭނެކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ ވެންޓިލޭޓަރުގެ މައްސަލައިގައި އެކި މީހުންގެ މައްޗަށް ތުހުމަތު ކުރެވުނަސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކުރާ ތަހުގީގުތަކުގެ މައްޗަށް ދައުވާ ކުރެވޭ ވަރު ނުވާކަން ފާހަގަކުރައްވާފަ އެވެ. އަދި ވިދަޅުވީ ތަހުގީގުތަކާއި ގުޅޭގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލް ވެސް އެހެން އެންގުންތަކެއް އެންގިކަމަށެވެ. އެކަމަކު ވެސް ތަހުގީގުގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ނުލިބޭތީ ކުރިޔަށް ދެވޭ ގޮތެއް ނުވާކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި މިހާރު ލިބިފައިވާ ކުރިއެރުމެއްގެ ގޮތުން ނާޒިމް ވިދާޅުވީ، މަކަރާއި ހީލަތުގެ ތަހުގީގެއް ހިންގުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: