މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކަކީ ދިވެހި މުޖުތަމައުގައި އަލަކަށް ފެށިގެން އުޅޭ ކަމެއް ނޫނެވެ. މިއީ އަދިވެސް ހައްލެއް ނުލިބި އޮތް ބޮޑު މައްސަލައެކެވެ. ފާއިތުވި ހަފްތާގައި ހިނގި މިފަދަ ހިތާމަވެރި އެކްސިޑެންޓުތަކުގައި ދެ ޒުވާނުންގެ ފުރާނަ ގެއްލިގެން ގޮސްފައިވެއެވެ.
2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު އެކަނި 2,867 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކުރެވި، ތަހުގީގުކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 567 މައްސަލަ އިތުރު އަދަދެކެވެ. 2023 ގައި ޖުމްލަ 2,300 އެކްސިޑެންޓު މައްސަލަ ހުށަހެޅުނެވެ. 2025 އަށް ވަދެވުނު އިރު އެކްސިޑެންޓުތައް މިހާ ބާރު ސްޕީޑެއްގައި އިތުރުވަމުންދިއުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.
މި އަހަރުގެ ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ރިޕޯޓުކުރެވެނީ މަގުމަތީގެ އެކްސިޑެންޓުތަކެވެ. އޭޕްރީލް މަހާ ހަމައަށް 762 އެކްސިޑެންޓު މައްސަލަ ހުށަހެޅިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުރަތަމަ ކުއާޓަރގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދު މިދިޔަ އަހަރަށްވުރެ 73 މައްސަލަ މަދުވިނަމަވެސް، މިއީ އަދިވެސް ނުރައްކާތެރި މިންވަރެއްގައި ހުރި އަދަދެކެވެ.
އެކްސިޑެންޓުތަކުގައި އަނިޔާވާ މީހުންނަށް ގިނަފަހަރު ކުރިމަތިވަނީ އުމުރަށް ދިމާވާ ވޭންދެނިވި އަނިޔާތަކެވެ. މީގެ ތެރޭގައި ސިކުނޑިއަށް ގެއްލުން ލިބުމާއި، ފައިގެ ބާރު ދިއުމާއި، އަދި ކޯމާގައި އުންމީދު ކަނޑާލައި އޮންނަން ޖެހުންފަދަ ހާލަތްތައް ހިމެނެއެވެ.
އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ދާދިފަހުން އައްޑޫ ސިޓީގެ ހަންކެޑަ ބްރިޖުގައި ހިނގި އެކްސިޑެންޓުގައި 24 އަހަރުގެ ޒުވާނަކު ވެސް ވަނީ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓުގައި ނިޔާވެފައެވެ، މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް އާންމުކޮށް ހިނގަނީ ދިގު މަގުތައް ހުންނަ ސަރަހައްދުތަކުގައެވެ.
ރާއްޖޭގައި އެކްސިޑެންޓުތައް މިހާ ގިނަވެފައިވާއިރު، އެކްސިޑެންޓުތަކުގައި އަނިޔާވާ މީހުންނަށް އެކަށީގެންވާ ޓްރޯމާ ކެއަރ ނިޒާމެއް ނެތުމަކީ ބޮޑު ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ބޭރަށް ފަރުވާއަށް ދާން މަޖުބޫރުވެއެވެ. ހާއްސަކޮށް ބޮލަށް ލިބޭ އަނިޔާތަކުގައި ސިކުނޑިއަށް ލޭއެޅުމަކީ އަވަސް ފަރުވާ ބޭނުންވާ ކަމެކެވެ.
މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަކީ މުޅި މުޖުތަމައުގެ އަމާންކަމަށް ކޮންމެހެން ބޭނުންތެރިކަމެކެވެ. މިކަމަށްޓަކައި، ކޮންމެ މީހަކަށްވެސް އަމިއްލައަށް ކުރެވޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން، ގާނޫނުގައި ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ މައްޗަށް ނުދުއްވުމާއި، ހުއްދަނެތި އެއްގަމު އުޅަނދު ނުދުއްވުމާއި އަދި ވެހިކަލް ދުއްވާއިރު މަގުމައްޗަށް ފުރިހަމައަށް ސަމާލުވެ ތިބުން ފަދަ ކަންކަމެވެ.
އެއްގަމު އުޅަނދުގެ ހާދިސާތަކުން ލިބޭ ގެއްލުމަކީ އަމިއްލަ ފަރާތަށް އެކަނި ކުރިމަތިވާ ކަމެއް ނޫނެވެ. އެހެން މީހުންނަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފާނެކަން ހަނދާން ބަހައްޓަންޖެހެއެވެ. މިފަދަ ހާދިސާތައް މަދުކުރުމަކީ ހަމައެކަނި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއެއް ނޫނެވެ. ދިވެހި ކޮންމެ ރައްޔިތަކުވެސް، އެމީހެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ އަމިއްލަ ޒިންމާތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ތަބާވުމާއި، މުޖުތަމައުގައި ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

