ކުންފުނިތަކުގެ ހިންގުން ދަށްވެފައިވާއިރު އެ ކުންފުނިތަކަށް ލިބުނީ ފައިތޯ ނުވަތަ ގެއްލުންތޯ އިނގޭނެ އެއްވެސް ރިޕޯޓެއް ފެންނަން ނެތް ކަމަށް ހުޅުމާލެ ދެކުނުދާއިރާގެ މެމްބަރު ޑޜ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިޔަތު ކޮމިޓީގައި ޝަމްހީދު ވިދާޅުވީ 2024 ވަނަ އަހަރު ނިމުނުއިރު އެސްއޯއީ ތަކުގެ ދަރަނި ރެކޯޑް އަދަދަކަށް އިތުވެފައިވާ ކަމަށެވެ. 46 ބިލިއަނުން 53 ބިލިއަނަށް 2024 ވަނައަހަރު އެސްއޯއީ ތަކުގެ ދަރަނި އިތުރުވެގެންދާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އެއީ އަހަރެއްގެތެރޭގައި 17.5 ފަސެންޓު ކަމަށާއި ކުންފުނިތަކުގެ ދަރަނި 55.8 ބިލިއަނަށް އިތުރުވެފައިވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ކުންފުނިތަކަށް ލިބުނު އާމްދަނީ 53 ބިލިއަނުން 46 ބިލިއަނަށް ދަށްވެގެން ދިޔަ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. ޝަމްހީދު ވިދާޅުވީ ކުންފުނިތަކުގެ ހިންގުން ދަށްވީ ކުންފުނިތަކަށް ލިބުނު އާމްދަނީ ދަށް ވެގެންކަމަށެވެ. ޝަމްހީދު ވިދާޅުވީ މިއީ ނެރެފައި ހުރި ތަފާސްހިސާބުތަކުން ދައްކާގޮތް ކަމަށާއި މެމްބަރު އަމިއްލަފުޅަށް ވިދާޅުވާ އެއްޗެއް ނޫންކަމަށެވެ.
”އެކަމަކުވެސް އަޅުގަނޑު މީގަ އެބަ ބަލަން އިރުކޮޅަކާއި ކޮބައިތޯ މީގަ ސަރުކާރު ކުންފުނިތަކުން މިއަދާއި ހަމައަށް އައިއިރު، 2024 ވަނަ އަހަރުވެސް އައިއިރު ކުންފުނިތަކުންވެސް ހަގީގަތުގައި ލިބުނީ ފައިދާތޯ ނޫނީ ގެއްލުންތޯ. ތަފްސީލީ އެއްވެސް އޮޑިޓު ރިޕޯޓެއްވެސް ކުއާރޓާލީ ރިޕޯޓެއްވެސް އަޅުގަނޑުމެންނަށް މިހާރު އަދި ނުއެއް ފެނޭ ޕީސީބީ ވެބްސައިޓަކުންވެސް އަދި ކުންފުނިތަކުގެ ވެބްސައިޓަކުންވެސް. އެހެންވީމަ އަޅުގަނޑުމެންނަށް އިނގޭ މިހުރިހާ އެއްޗެއް ފޮރުވައިގެންކަން ތިބީ“
ޝަމްހީދު ވިދާޅުވީ ގައުމަށް ފައިދާވާނެކަމަށް ބަލައިގެން ދާދިފަހުން ވައިޑް ބޮޑީ އެއާ ކްރާފްޓެއްވެސް ގެނެއި ކަމަށާއި އެހެންނަމަވެސް ފައިދާ ވާނަމަ ވަރަށް ބޮޑުތަކުން ފައިދާ ވެދާނެ ކަމަށާއި އެހެން ނަމަވެސް ގެއްލުންވާނަމަ އެތައް ބިލިއަނަކުން ކުންފުނި ބނގުރޫޓުވާ މިންވަރަށްވެސް ގެއްލުން ވެދާނެ ކަމަށެވެ. އަދި މިއަދާއި ހަމައަށް އައިއރުވެސް އެ ކުންފުނީގެވެސް ފައިދާއެއް ވީތޯ ނުވަތަ ނޫންތޯ އިނގެން ނެތް ކަމަށް މެމްބަރު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ ބަންކަރިންގ ފެއިލް ވެފައިވާ ކަމަށާއި ޑިވޮލެޕްމެންޓު ބޭންކަކަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށާއި އަދި ލ އަތޮޅުގައި އެޅި ޕޯޓެއްގެ މައުލޫމާތެއްވެސް ނުވަތަ މީގެން އެއްވެސް ކަމެއްގެ މައުލޫމާތެއް ލިބެން ނެތް ކަމަށެވެ. ބަޖެޓު ފޮތުގައި މިމަހުގެ ތެރޭގައި ކުރަންޖެހޭ ކަންތައްތަކެއްވެސް ހުރި ކަމަށާއި އަދި ބަޖެޓާއިއެކު ފޮނުވައިފައިވާ ކޭޝް ޕްލޯ ސްޓޭޓްމެންޓެއްވެސް ވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.
މީގެއިތުރަށް ޝަމްހީދު ވިދާޅުވީ ފޮނުވާފައިވާ ކޭޝް ޕްލޯ ސްޓޭޓްމެންޓުގެ އަދަދުތަކާއި މިއަދާއި ހަމައަށް ހަރަދުކޮށްފައިވާ ގޮތާއި ދޭތެރޭގައި 57 ފަސެންޓުގެ ފަރަގެއް ހުރިކަމަށެވެ.

