ފުލުހުންގެ މަރުކަޒުތަކުގައި ބަންދުގައި ތިބޭ މީހުން މަރުވުން އިތުރުވެފައި ވާތީ ބަންދު މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކަރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އެދިއްޖެއެވެ.
އެޗްއާރުސީއެމްއިން ނެރުނު ބަޔާނެއްގައި ވަނީ މި މަހު ހަތަރު ވަނަ ދުވަހު ފުލުހުން އެ ކޮމިޝަނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ބެލުމަށާއި އާއިލާގެ ބަހެއް ހޯދުމަށް އެ ކޮމިޝަންގެ ތަހުގީގު ޓީމެއް ކުޅުދުއްފުށީގައި ހަރަކާތްތެރިވި ކަމަށެވެ. އަދި މަރުގެ ތަހުގީގަށް ކުޅުދުއްފުށީގައި މިދިޔަ ދުވަސްތަކުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހަމަ އެ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި އެހެން ގައިދީއެއް ވެސް އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް މަސައްކަތް ކުރިކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ މަރުކަަޒުތަކުގައި ކެމެރާ ހަރުނުކޮށް ހުރީ ބަޖެޓުގެ ދަތިކަން ހުރުމުން ކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވާކަމަށެވެ. ބަޖެޓުގެ ދަތިކަން ހުރި ނަމަވެސް، މަރުހަލާތަކަކަށް ބަހާލައިގެން ކެމެރާ ހަރުކުރުމަށް އެދިފައިވާ ކަމަށް ބަޔާނުގައިވެއެވެ. ކެމެރޭ ހަރުކުރެވެންދެން މިފަދަ ގޮޅިތައް ގަވައިދުން އެ ދެމެދު ގިނަ ވަގުތު ހޭދަނުވާނެ ގޮތަށް ގާތުން މޮނީޓާ ކުރުމަށް ވެސް ލަފާ ދީފައިވާނެކަމަށް އެ ކިމިޝަނުން ވަނީ ބުނެފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުން މީހުން ބަންދު ކުރާ މަރުކަޒުތަކުގައި ފަހަކަށް އައިސް އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ ހާދިސާތައް އިތުރުވަމުންދާތީ ކަމާގުޅުންހުރި އިދާރާތަކާ އެކު ބައްދަލުކޮށް މިކަމުގައި ހުރި ކަންބޮޑުވުންތައް ކޮމިޝަނުގެ ފަރާތުން ހިއްސާކޮށްފައިވާކަމަށް ކޮމިޝަންގެ ބަޔާނުގައި ވެއެވެ.
ކުޅުދުއްފުށީގައި ހިނގައިދިޔަ ތިން ހާދިސާގެ އިތުރުން، މިފަހުން ދެ ގައިދީއަކު އަމިއްލައަށް ޖަލުގައި މަރުވެފައިވެއެވެ. މި މަހު ކުރީކޮޅު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރި މީހަކަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަރުވެފައެވެ. ބުރާސްފަތި ދުވަހު މަރުވީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. މަރުވި އިރު އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ.

