ދުންފަތުގެ ބާވަތްތައް ވިއްކުމަށް ބޭނުންވާ ލައިސަންސަށް އެދި ހުށައެޅުމަށް ހުޅުވާލައިފިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށީ ދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
މި އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ބޭރުކުރުން އަދި ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއްގެ ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން ހެލްތު މިނިސްޓްރީން ދޫކުރާ ސައްހަ ލައިސަންސެއް އޮންނަން ޖެހެއެވެ.
ލައިސަންސަށް އެދި ހުށައެޅުމާއި ގުޅޭ ގޮތުން މިނިސްޓްރީއިން ބުނީ ”ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދު“ ގެ ދަށުން، ދުންފަތުގެ ވިޔަފާރިއަށް ބޭނުންވާ ހުއްދަ ނަގަން ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ. ލައިސަންސަށް އެދި ހުށައަޅަން ޖެހެނީ ”ވަންގަވް“ ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް އެޗްޕީއޭ އަށް ހުށަހަޅައިގެން އެ ލައިސަންސް ނެގޭނެކަމަށް މިނިސްޓްރީއިން ބުންޏެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުމަށް 4 ލައިސަންސެއް ބޭނުންވެއެވެ. އެއީ ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސާއި، ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމުގެ ލައިސަންސާއި، – ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓުކުރުމުގެ ލައިސަންސްގެ އިތުރުން ދުންފަތުގެ އާ ބާވަތެއް ރެޖިސްޓްރީ ކުރުމުގެ ލައިސަންސެވެ.
ލައިސަންސްތައް ދޫކުރާނީ ފީއެއް ދެއްކުމުން ފަސް އަހަރަށެވެ. އްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން ލައިސަންސް އާ ކުރަން ހުށައަޅަން ޖެހެއެވެ.
އެއްވެސް ގޮތަކަށް ދުންފަތް ވިއްކަނީކަމަށްވާނަމަ، 5،000 ރުފިޔާގެ ފިޢެއް ނަގައެވެ. ލައިސަންސް އާ ކުރަނީ ނަމަވެސް ހަމަ މި ފީ އަލުން ދައްކަން ޖެހެއެވެ. ދުންފަތް އިމްޕޯޓުކުރުމާއި ރީއެކްސްޕޯޓު ކުރުމަށް 10،000ރ. ފީއެއް އަދި ކެފޭ/ރެސްޓޯރެންޓު ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރަން ނަގާ ހުއްދަތަކަށް ވެސް 10،000ރ. ގެ ފީއެއް ދައްކަންޖެހެ އެވެ.
ލައިސަންސް ނުނަގާ މި ވިޔަފާރިކުރާ ނަމަ 1،000 އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

