ސުލޫކީ މައްސަލައެއް ފެންމަތިކޮށް ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ނިންމައި، ރިޕޯޓު ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުން މައްސަލައިގައި ގޮތެއް ނިންމަން ތަހުގީގު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވީ ރޭގެ ވަގުތެއްގަ އެވެ. އެ ބައްދަލުވުމުގައި އޮތީ މައްސަލައިގައި އެކުލަވާލި ރިޕޯޓަށް ޖަވާބުދާރީވުމަށް ފަނޑިޔާރުންނަށް ފޮނުވުމާއި މެދު ގޮތެއް ނިންމުމެވެ.
ޖަވާބުދާރީވުމަށް ފަނޑިޔާރުންނަށް ހަތް ދުވަސް ދެން ޖެހޭއިރު ކޮމިޝަނުން ވަނީ އެގޮތަށް ނިންމާފަ އެވެ. އެހެން ނަމަވެސް އެ ރިޕޯޓުގައި އޮތީ ދެ ފަނޑިޔާރުން ވެސް ވަކި ކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، ތިން ފަނޑިޔާރަކު ޖޭއެސްސީން ސަސްޕެންޑު ކުރީ، އޭސީސީ ދީފައިވާ މައުލޫމާތުތަކެއްގެ މައްޗަށެވެ. އެ ތުހުމަތުތަކުގައި ސަސްޕެންޑު ކުރުމުން ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވި ނަމަވެސް އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލަ ކުރިޔަށް ދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އޭސީސީ ބަލަމުން ދާ މައްސަލަތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް މީޑިއާތަކަށް ވެސް ނުލިބެ އެވެ. އަދި އެ ކޮމިޝަނަށް ފަނޑިޔާރުން ވެސް ހާޒިރުކޮށްފައި ނުވާއިރު މަހާޒާއި އަޒްމިރަލްދާ ދެ ފަހަރެއްގެ މަތީން ޖޭއެސްސީއަށް ހާޒިރު ކުރި އެވެ.
މި މައްސަލައިގައި ކުރަނީ ނެތް ތުހުމަތުތަކެއްކަމަށް ދެ ފަނޑިޔާރުންގެ ގާނޫނީ ވަކީލުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އަޒްމިރަލްދާގެ ފަރާތުން ފުލުހާއި އޭސީސީއަށް ވެސް އެ މައްސަލަ ހުށަހެޅިއިރު ޖޭއެސްސީއާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނާއި މީޑިއާތަކަށް ދިން މައުލޫމާތުތަކަށް އެ ކޮމިޝަނުން ވަނީ ރައްދު ދީފަ އެވެ.
އެންމެ ފަހުން އަޒްމިރަލްދާގެ ފަރާތުން މައްސަލަ ފުލުހަށް ހުށަހެޅީ، ޖޭއެސްސީއަށް އޭސީސީގެ ރައީސް ދޮގު މައުލޫމާތު ދިންކަމަށް ބުނާ މައްސަލަ އެކެވެ.
އަޒްމިރަލްދާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅި މައްސަލައެއް ބެލުމަށް، މި ހަފްތާގައި ކޮމިޓީން ވަނީ ނިންމާފަ އެވެ.

