ސަރުކާރަށް ދޮޅު އަހަރުވެފައިވާއިރު އެއްވެސް ރައްޔިތަކަށް ލިބުނު މޮޅުކަމެއް ނުވަތަ ސަރުކާރަށް ކުރެވުނު މަސައްކަތްތަކެއްވެސް ފެނިގެން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފެނުނީ ވަރަށް އިއްޒަތުގައި އިންނަވަނިކޮށް ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހުގެ ތަޅުމުގައި އަބްދުއްރަހީމްގެ ފަރާތުން ތަފާތުކަމެއް ފާހަގަކުރެވޭއިރު، އެކަމާ ހިތާމަ ކުރާކަމަށް ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، އަބްދުއްރަހީމް ރިޔާސަތުގައި އިންނަވާއިރު އޭނާ ފްލޯގައި ތިރީގައި އިންނެވި ނަމަވެސް ހާލަތު އިހުސާސްކުރެވޭކަމަށާއި މަޖިލީހުގެ ރައީސްއަށް މިއަދު ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށެވެ. މެމްބަރު ވިދާޅުވީ، ސުޕްރީމްކޯޓާއި މަޖިލީހަކީވެސް ދިވެހި ރައްޔިތުން ގެނައި އެއްޗެއްކަމަށެވެ. އަދި އެތަންތަނުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީން ކޮށްފައިވާ މަސައްކަތްތަކެއްކަމަށާއި އެ މަސައްކަތްކުރީ މަގުމަތިންކަމަށް ފާހަގަކުރެއްވިއެވެ.
ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހެއް ނެތްކަމަށާއި އެ މުއައްސަސާގެ އެއް ޒިންމާގެ ގޮތުގައި އޮތް ޖަވާބުދާރީ ކުރުމުގެ ބާރު ނެތިގޮސްފައިވާކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ދެން އޮތީ ގާނޫނު ހެދުމުގެ ޒިންމާކަމަށްވާއިރު އެ މަސައްކަތްތައް ކުރެވޭނެ ގޮތެއް މިހާރު މަޖިލީސް އޮތް ގޮތުން ނެތްކަމަށެވެ.
އެހެންކަމުން އަލުން އަނބުރާ ރައްޔިތުންގެ މަޖިލީހެއް ބިނާކުރުމުގެ މަސައްކަތްތައް ކުރަންޖެހޭނެކަމަށާއި އަލުން ސުޕްރީމް ކޯޓެއްވެސް ހަދަންޖެހިފައިވާކަމަށް ހިއްސާކުރެއްވިއެވެ. ޒިޔާދު ވިދާޅުވީ، ދެ ފަނޑިޔާރުން ގޮސްފައިވާކަމަށާއި އުއްތަމަ ފަނޑިޔާރެއްވެސް ނެތްކަމަށެވެ. އަދި އެހެން ބުނުމުން ކުށަކަށް ވެދާނެކަމަށްވެސް ހިއްސާކުރެއްވިއިރު ސަބަބަކީ ހަގީގަތުގައި އެ މަގާމުގައި މީހަކު ހުންނެވުންކަން ހިއްސާކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، އެ މަގާމުގައި މީހަކު ހުންނެވި ނަމަވެސް ސުޕްރީމް ކޯޓުގެ ހާލަތު ގޯސްވެފައިވާ މިންވަރު އެނގޭކަމަށް ދެކިވަޑައިނުގަންނަވާކަމަށާއި އެނގިވަޑައިގަންނަވާނަމަ އެ މައްސަލައިގައި ކޮންމެވެސް އެއްޗެއް ވިދާޅުވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
އެހެންކަމުން ގެއްލިފައިވާ ހައްގުތައް ހޯދުމަށް ހުރިހާ ދިވެހި ރައްޔިތުން އަލުން އަނބުރާ ނުކުމެވަޑައިގަތުމަށް ގޮވާލައްވާކަމަށާއި މިއަދު އިތުރު ގޮތެއް ދިވެހިންނަށް ނެތްކަމަށެވެ. މެމްބަރު ވިދާޅުވީ، މިއަދު ރައްޔިތުން ހޮޅުއަށިތަކަށާއި ރަށްރަށުގެ މަގުތަކަށްވެސް ނުކުންނަންޖެހިފައިވާކަމަށެވެ.
މެމްބަރު ވިދާޅުވީ އެފަދަ މަސައްކަތްތަކެއް ކުރަން އަދި އަވަސްކަމަށް ހީވެދާނެކަމަށެވެ. ނަމަވެސް ހަގީގަތުގައި އަވަހެއް ނޫންކަމަށާއި ސަރުކާރަށް ދޮޅު އަަހަރުވެގެން ގޮސްފައިވާއިރު އަދި އެއްވެސް އާންމު ރައްޔިތަކަށް ލިބުނު އެއްވެސް މޮޅެއް ނުވަތަ ގައުމަށް ލިބުނު އިތުރު ކުރިއެރުމެއްވެސް ނެތްކަމަށެވެ.

