ޕީއެންސީން މަޖިލީހުގައި މަސައްކަތްކުރަނީ ގައުމަށް ބޭނުންޖެހިފައިވާ ކަންކަން ހާސިލުކުރެވޭނެ މަގަކަށް ބަލައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގެ މައްސަލައާ ގުޅޭގޮތުން ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ރިޔާޒް ވިދާޅުވެފައި ވަނީ، ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ އެއްވެސް އިރުޝާދެއް ދީ ނުފޫޒެއް ރައީސް ފޯރުވާފައި ނުވާކަން ޔަގީންކަމާއި އެކު ބުނާކަމަށް ވިދާޅުވި އެވެ.
ރިޔާޒް އިތުރަށް ވިދާޅުވެފައި ވަނީ، ސަރުކާރުން ވަކި ކަމެއް ވަކި ގޮތަކަށް ބޭނުންވާކަމަށް ބުނެފައި ނުވާ ކަމަށާއި، މަސައްކަތްތައް ކުރިއަށްދަނީ ހުރިހާ މެމްބަރުން ވެސް އެކުލެވޭ ގޮތަށް ކޮމިޓީތަކުގައި ކުރާ މަޝްވަރާއަށް ކަމަށެވެ. އަދި އިދިކޮޅު މެންބަރުންނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ފުރިހަމައަށް ލިބިދެވޭ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، އިދިކޮޅު މެންބަރުން ބޭނުންވާ ގޮތަށް ކަންކަން ނުނިމޭ ހިނދު، ބައެއް ފަހަރު އުނދަ ގޫކުރުންފަދަ އަމަލުތައް ހިންގާކަމަށާއި، އެހެންނަމަވެސް ތަބާވާނީ އަޣުލަބިއްޔަތަށްކަން ވަނީ ވިދާޅުވެފަ އެވެ.
ރިޔާޒް ވިދާޅުވީ، އަޣުލަބިއްޔަތު އޮންނަ ބަޔަކު ކަންކަން ކުރިއަށް ގެންދަން ބޭނުންވާ ގޮތަކަށް ނިމިގެންދާނެކަަމަށާއި އެއީ މި ދައުރާއި މީގެ ކުރިން އަދި ކުރިއަށް އޮތްތަނުގައިވެސް ކަންކަން އޮންނާނެ ގޮތްކަމަށެވެ. މެމްބަރު ވިދާޅުވީ، އެބަޔަކަށް ލިބިގެންވާ އެޑްވާންޓޭޖެއްގެ ބޭނުން ހިފާނެކަމަށާއި މިއަދު ޕީއެންސީއަށް އެ ފުރުސަތު އޮތްއިރު އެޕާޓީން އެދެނީ ގައުމަށް ބޭނުންޖެހިފައިވާ މަގަކުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށެވެ.
މެމްބަރު ވިދާޅުވީ، ޕީއެންސީން ބޭނުންވަނީ ގައުމު ރަނގަޅު ހާލަތަކަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްކަމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޝަރުއީ ދާއިރާ އަދި ސުޕްރީމް ކޯޓަށްވެސް ނުފޫޒު ފޯރުވުން ފަދަ އަމަލެއް ހިންގަވާކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ރިޔާޒް ވިދާޅުވީ، އެފަދަ ގޮތަކަށް ކަންކުރައްވާނަމަ އެމަނިކުފާނަށް ކުރެއްވިދާނެ އެތައް ކަމެއް ހުރިކަމަށެވެ.
އެމްޑީޕީގެ ދައުރާއި ޕީއެންސީގެ މި ދައުރުގެ ތަފާތުތަކުގެ މައްޗަށް އަލިއަޅުއްވައި މެމްބަރު ވިދާޅުވީ، އެ ދައުރުގައި ސިޔާސީ އެއްވުންތަކުގައި ބައިވެރިވެފައިވާ މީހުންނަށް ޝަރުއީ ދާއިރާގެ އިސް މަގާމުތަކަށް ފުރުސަތު ދީފައިވާކަމަށެވެ. އަދި އެފަދަ ފޮޓޯތައް ސޯޝަލްމީޑިއާއިންވެސް ފެންނަން ހުރި ޕީއެންސީން އެފަދަ މަގާމަކަށް އައްޔަނުުރާ މީހެއްގެ އެފަދަ މަސައްކަތްތަކެއްގައި ޝާމިލުވެ ހުންނެވި ފޮޓޯއެއް ފެންނަން ނެތްކަމަށެވެ. އެހެންކަމުން ބައިވަރު ތަފާތުތައް ހުރިކަމަށާއި ރައީސް ޑރ މުއިއްޒު ޖުޑިޝަރީއަށް ނުފޫޒު ފޯރުއްވައިގެން މަސައްކަތްތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާނަމަ ކުރެއްވިދާނެ އެތައް ކަމެއް ހުރިކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުންދަނީ ރައީސް މުއިއްޒުގެ އަބުރު ކަތިލުމުގެ މަސައްކަތްތައް ކުރަމުންކަމަށް އިޝާރާތްކުރެއްވިއެވެ.

