އެމެރިކާއިން ޔަމަނުގެ ބަނދަރަކަށް ހަމަލާދީފައިވާކަމަށް ހޫތީ ހަނގުރާމަވެރިން ބުނެފިއެވެ.
ނޫސްތަކުން ރިޕޯޓުކުރާގޮތުން ޔަމަނުގެ ރަސް އީސާ އޮއިލް ޕޯޓަށް އެމެރިކާއިން ވައިގެ ހަމަލާއެއް ދީފައިވާކަން އެ ސަރަހައްދުގެ މައްޗަށް ބާރުވެރިވެގަނެފައިވާ ހޫތީންވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި ހަމަލާގައި 38 މީހަކު މަރުވެފައިވާކަމުގެ މައުލޫމާތު ދީފައިވާއިރު އިތުރު 102 މީހަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާކަންވެސް އާންމުކޮށްފައިވެއެވެ.
އެމެރިކާގެ މިލިޓަރީ ކޮމާންޑުން ވެސް ވަނީ މި ހަމަލާ ދީފައިވާކަން ޔަގީންކޮށްދީފައެވެ.
މިއީ އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަން ފެށިގެން އައި ފަހުން ދީފައިވާ މިފަދަ ހަމަލާތަކުގެ ތެރެއިން އެންމެ ގިނައިން މީހުން މަރުވެގެންދިޔަ ހަމަލާކަން ރިޕޯޓުތަކުން ފާހަގަކުރެއެވެ.
މިކަމުގެ ބަދަލު ހިފުމުގެ ގޮތުން ހޫތީންވަނީ އިސްރާއީލަށް މިސައިލު ހަމަލާއެއް އަމާޒުކޮށްފައެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ އެ ހަމަލާ މަތަކޮށްފައިވާކަން މީޑިއާތަކަށް ހާމަކޮށްފައެވެ.
އެމެރިކާއިންވަނީ އެ ގައުމުން ޔަމަނުގައި ކުރިއަަށް ގެންދާ އަސްކަރީ ހަރަކާތްތަކުގެ ތެރެއިން ޗައިނާއިން ހޫތީންނަށް އެހީތެރިވަމުންދާކަމުގެ ތުހުމަތުވެސް ކޮށްފައެވެ. ނަމަވެސް ޗައިނާއިން މިކަމާއި ގުޅިގެން ވަކި އެއްޗެއް ބުނެފައިނުވެއެވެ. ހޫތީންގެ ބެލުމުގެ ދަށުން ހިންގާ ހަބަރު ފަތުރާ ޗެނަލްއަކުންވަނީ ހަމަލާ ދިނުމުގެ ނަތީޖާ ދައްކާލުމުގެ ގޮތުން ރަސް އީސާ ޕޯޓުގެ މަންޒަރުތައް ގެނެސްދީފައެވެ. އާންމުކުރި ވީޑިއޯތަކުން ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދުގައި މަރުވެފައި އޮތް މަންޒަރު ފެނިގެންދާކަން ނޫސްތަކުން ފާހަގަކުރެވެއެވެ. މަރުވި މީހުންގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންނާއި އާންމުންވެސް ހިމެނޭކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

