ރ. އަތޮޅު ހުޅުދުއްފާރަކީ ތަފާތު އެތައް ހަނދާންތަކަކާ ގުޅިފައިވާ ރަށެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފު މިހެން ވިދާޅުވީ ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، ރޭ އެވޯޑް ޙާޞިލް ކުރެއްވި ބޭފުޅުންގެ ތެރޭން ގިނަ ބޭފުޅުންނަކީ، އެ މަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައި، ދެކެފަރިތަ އަދި އެ ބޭފުޅުންނާއެކު މަސައްކަތްކުރުމުގެ ނަސީބު ވެސް ލިބިވަޑައިގެންފައިވާ ބޭފުޅުންކަމަށެވެ. ޚާއްޞަކޮށް އެ ބޭފުޅުންގެ އަގުވަޒަން ކުރެއްވިކަން އެއީ އެ މަނިކުފާނަށް ވެސް ވަރަށް މަތިވެރި އުފާފުޅެއް ލިބިވަޑައިގަންނަވައި ކަމެއްކަމަށް ވިދާޅުވެ، ހުޅުދުއްފާރު ކައުންސިލުގެ މެންބަރުންނަސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވާ، އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މީގެ 10 ވަރަކަށް އަހަރު ކުރިން އެ ރަށުގެ ސުކޫލު ފަރާތުން ބޭއްވި ރަސްމިއްޔާތަކަށް ވަޑައިގަތުމުން އެ ރަށުން ކިޔުއްވި މަރުޙަބާއާއި، އެ ރަށުގައި މިއަދު ދިރިއުޅުއްވާ އެކި ރަށްރަށުގެ މީހުން، އެ މީހުންގެ އިހުގެ ރަށްރަށުން އެ މަނިކުފާނަށް ކުރެވިފައިވާ ބައެއް ތަޖުރިބާތައް ވެސް ހިއްސާކުރެއްވިއެވެ.
މިނިސްޓަރ ހުޅުދުއްފާރުގައި ދެއްކެވި ވާހަކަފުޅުގައި ހުޅުދުއްފާރުން އެ މަނިކުފާނާ މެދު ބަހައްޓަވައި ޚާއްޞަ ކަމުގެ ސަބަބުން، ބީރަށްޓެހި ރަށަކަށް ވަޑައިގެން ހުންނަވައި ކަމުގެ އިޙްސާސް އެއް ގޮތަކަށް ވެސް ނުކުރެއްވޭކަމަށް ވިދާޅުވިއެވެ.
ރޭ ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތުގައި ހުޅުދުއްފާރުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓަރތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

