ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ 5 މެންބަރުންގެ ދައުރު ހަމަވުމުގެ ކުރިން، އާ މެންބަރުން އިންތިޚާބު ކުރުމަށް 2025 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު އިންތިޚާބެއް ބޭއްވުމަށް ބާ ކައުންސިލުން ނިންމައިފިއެވެ.
މިހާރުގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބެވި އަލްއުސްތާޛާ މިޒްނާ އަޙްމަދު (ނައިބު ރައީސް)، އަލްއުސްތާޛު އަޙްމަދު މުޢިއްޒު، އަލްއުސްތާޛާ ދީނާ ޙުސައިން، އަލްއުސްތާޛު އިބްރާހީމް ޝަމީލް އަދި އަލްއުސްތާޛު ސާދިޙު ނަޞީރުގެ ދައުރު ނިމުމަކަށް އަންނާނީ 2025 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުން، އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރާނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. އަދި ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިޚާބު ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.
ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުން، ބާ ކައުންސިލު ހިންގުމަށް އެކުލަވާލާ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ ދައުރަކީ 3 އަހަރު ދުވަހެވެ.

