ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު، އިސްތަންބޫލްގައި ތިއްބަވާ، ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
އެގޮތުން ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި ޓެކްނޮލޯޖީގެ ދާއިރާ ހިމެނޭހެން ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އައު ގުޅުންތައް ޤާއިމުކުރުމަށްވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުޙައްމަދު ރިޒާ ވަނީ ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި ދިވެހިރާއްޖެއަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ގޮތުން ކުރިއަރަމުން އަންނަ މަންޒިލެއްކަން ފާހަގަކުރެއްވިއެވެ.
ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ) އިން އިންތިޒާމްކުރައްވާ އެ ބޯޑުގެ ޗެއާރމަންއާއި ތުރުކީ-ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއިލް އޮލްޕަކް އިސްވެހުންނަވައި ކުރިއަށް ގެންދެވި މިބައްދަލުވުމުގައި ތުރުކީގެ ފާހަގަކޮށްލެވޭ އެކިދާއިރާތަކުގެ ވިޔަފާރިވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

