ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯހަކީ‎ ރަނގަޅެކޭ ހީވާ ހިސާބަށް ތިމާމެންގެ ސިނކުޑި ނާތަހުޒީބުވުމަކީ ބިރުވެރިކަމެއް!

ރަށެއްގައި ވައްކަން ކުރި މީހެއްގެ ގަޔަށް ކުލަ ޖެހުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތަކާއި ގަވާއިދުތަކެއް ހަދާފައި ހުންނަނީ ބޭނުމެއްގައެވެ. ގާނޫނަކީ ރައްޔިތުން ބޭނުންވާހާ ގޮތަކަށް މޮޑެން އޮންނަ ފުއްގަނޑެއް ނޫނެވެ. ވައްކަން ކުރީމާ ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށައެޅޭ ގޮތް އޮވެއެވެ. މާރާމާރީއެއް ހިންގައިފިނަމަ އަނިޔާވި ފަރާތަށްވެސް މައްސަލަ ހުށައެޅުމުގެ އިހުތިޔާރު އޮވެއެވެ. އެހެން ނަމަވެސް ހިތާމައަކީ މި ދެންނެވި ގާނޫނުތަކާއ،ި ގަވާއިދުތަކާއި، ނުވި ތަކާށް އެތައް އުސޫލުތަކެއް ހެދިފައިވާއިރުވެސް، މަގުމަތިން ގާނޫނު ހިންގުން ދުވަހެއް ދުވަހަކަށް އިތުރުވެފައިވުމެވެ.

މި ފަހުން ހިނގި ހާދިސާއަކަށް ބަލާލަމާ ހިނގާށެވެ. ވައްކަމުގެ މައްސަލައެއްގެ ތުހުމަތު ކުރެވުނު މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާ އޭނާ މުޅި ރަށަށް ބަދުނާމުކޮށް، ފަލީހަތް ކުރިއެެވެ. ރަށަށް އެކަންޏެއް ނޫނެނެވެ. މުޅި ގައުމަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ކުލަޔެއްވެސަ ނޫނެވެ. ކެމިކަލްއެވެ. އެއްވެސް ހާލެއްގައި ވައްކަން ދިފާއުކުރަނީއެއް ނޫނެވެ. ވައްކަން ކޮށްފިކަމަށްވާނަމަ ހައްގު އަދަބު ދޭން ވާނެއެވެ. އެމީހަކަށް ފެންނަ އަދަބެއް ނޫނެވެ. އިސްލާމީ ޝަރީއަތުގައި އޮންނަނީ އަތް ކެޑުމެވެ. ކުށް ސާބިތުވާކަމަށްވާނަމަ ތަންފީޒުކުރަން އޮންނަ އަދަބަކީ އެއީއެވެ. އަދި ހަމަ އެފަދައިން ވައްކަމުގެ ސަބަބުން ގެެެއްލުންވީ މީހާއަށް އޭނާގެ ހައްގުވެސް ކަށަވަރުކޮށްދޭންވާނެއެވެ.

އެއްވެސް މީހަކަށް ގާނޫނު ތިމާގެ މުށުތެރެއަކަށް ނުލެވޭނެއެވެ. އެ ޒުވާނާ ވައްކަން ކުރިކަން އެނގުމާއިއެކު އެކަން އަންގަން ޖެހޭނީ ފުލުހަށެވެ. ތިމާގެ ”ގަދަ ބާރު“ ދެއްކުމަށް އޭނަގެ ގަޔަށް ކުލަ ފާޓާ އަޅާ، ތިމާގެ ޑިގު އަރުވަން ސޯޝަލް މީޑިއާގައި ދައުރުކުރުމުން ހާމަވަނީ، ތިމާގެ ނާތަހުޒީބުކަމެވެ.

މައްސަލަތައް ފުލުހުންނަށް ނުބެލޭނެކަމަށް ނުވަތަ އިންސާފާއި ހައްގު ކަމާއި ބެހޭ ފަރާތްތަކަށް ސާބިތު ނުކުރެވޭކަމަށް ބުނެ ކުށް ކުރާ މީހަކަށް އަނިޔާއެއް ނުކުރެވޭނެއެވެ. މިއީ މިފަދަ ހާދިސާތަކުގައި އައްޑަނައަކަށް ނަގާ އެންމެ އިސް ހަތިޔާރެވެ. އެހެން ނަމަވެސއ ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޝަރުއީ ކޯޓުތަކުން އިންސާފު ނުލިބޭ ހާލަތުގައިވެސް އަމިއްލައަށް އިންސާފު ހޯދުން އެއީ އޮންނަކަމެއް ނޫންކަމެވެ. އަދި އެއީ ގާނޫނު އަސާސީއިން މަނާކޮށްފައިވާ އަނެއް ބޮޑު ކުށެވެ. ވައްކަން ކުރަނިކޮށް މީހަކު ހިފެހެއްޓުމަކުން ވެސް ގޯހެއް ނެތެވެ. ގޯހީ އަނިޔާ ކުރުމެވެ. ކުށްވެރިޔާ ހިފެހެއްޓުމަށްފަހު އާއްމުންގެ މައްޗަށް އޮންނަކަމަކީ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމެވެ.

އަޅުގަނޑުގެ ހިޔާލުގައި ވައްކަން ކުރި މީހާ ވެސް އެކުރީ ކުށެކެވެ. އަދި އޭނާއަށް އަނިޔާ ކުރި މީހުން ވެސް އެކުރީ ކުށެކެވެ. ފަހަރުގައި ކުރި ވައްކަމުގެ ކުށަށް ވުރެން ކުރި އަނިޔާގެ ކުށް މާތް الله ގެ ހަޛުރަތުގައި ބޮޑުވެދާނެއެވެ. ޝަރީއަތެއް ނުހިންގާ، އަމިއްލަ އަމިއްލަޔަށް ޙުކުމުކޮށް ތަންފީޒު ކުރުމެއް އިސްލާމީ ދީނަކު ނޯވެއެވެ. ރާއްޖޭގައި ތަހްޤީޤީ އިދާރާތަކާއި ޝަރުޢީ ކޯޓުތައް އަދި ތަންފީޒީ އިދާރާތަށް ހުރި އިރު އަމިއްލަޔަށް މި ގޮތަށް ލާއިންސާނީ އަނިޔާ ދޭ މީހުންނާއި މެދު ފިޔަވަޅު އެޅެންޖެހޭނެއެވެ. މިއީ ބަލަން ޖެހޭ މައްސަލައެކެވެ. މިފަދަ ނާތަހުޒީބު އަމަލުތަކުން އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރަން ޖެހެއެވެ. ނުރަނގަޅު ސަގާފަތްތައް އާލާވާން ފުރުސަތު ދީގެން ތިބުމަކީ ހެދޭނެ އެންމެ ބޮޑު ގޯހެވެ. ކަން ވެގެންދާނީ ގައުމުގެ ހާލާކަށެވެ.

އާންމުންގެ އަތް މައްޗަށް ގާނޫނު ނަގައި، އަމިއްލައަށް މީހުންނަށް އަދަބު ދީ ހަދާ ނަމަ، ފިޔަވަޅު އަޅާނެކަމަށް ބުނެ ފުލުހުން ދީފައި ހުރި އިންޒާރުތައް އެބަހުއްޓެވެ. އަޅުގަނޑުގެ ރިޕޯޓުގައި ފާހަގަ މި ކުރި މައްސަލަަައަކީ ފުލުހުންގެ ސަމާލުކަމަށް ނައިސް ނޯންނާނެ މައްސަލައެއް ނޫންކަން ޔަގީނެވެ. އެހާލަތުގައި އެޅި ފިޔަވަޅެއް އޮތުންވެސް މުހިންމެވެ.
ނުރަނގަޅު ސަގާފަތަކަށް ވެގެން ގޮސްދާނެ ކުށްތަކަށް އަރައިގަންނަ މީހުންނާއިމެދު ފިޔަވަޅު އަޅަން ގޮވާލަނީ ހަރުކަށި އަދަބު ދިނުމުގެ މަގަސަދުގައެއް ނޫނެވެ. އޭނާ އެކުރީ ކުށެއްކަން އިހުސާސްކޮށްދީ، އެފަދަ ނާތަހުޒީބު އަމަލުތަކުން މީހުން ދުރުކުރުމަށްޓަކައެވެ.

މިފަދައިން އަމަލު ކުރުން ތަކުރާރުކުރަނީނަމަ އަންނަން އޮތް ޖީލުތަކަށް ޝަރީއަތުގައިވާ އެއްޗެ އޮޮޅުން ބޮޅުން އަރާނެއެވެ. މިއީ ބިރުވެރި ކަމެކެވެ. ގޯހަކީ ރަނގަޅެކޭ ހީވާ ހިސާބަށް ތިމާމެންގެ ސިނކުޑި ނާތަހުޒީބުވުމަކީވެސް ބިރުވެރިކަމެކެވެ.

ހަގީގަތަކީ މިފަދަ ނާތަހުޒީބީ ލާއިންސާނީ އަމަލު ހިންގަން ފުރުސަތު ރާއްޖޭގައި ހުޅުވިފައިވަނީ ޒަމާނުއްސުރެ ގާނޫނު ތަންފީޒު ކުރާފަރާތުން ގާނޫނު ތަންފީޒު ނުކުރުމުގެ ސަބަބުންކަމެވެ. މިފަހަރުވެސް ގޯސް ވާނީ ނިޒާމެވެ. ނޫނެވެ. ގޯހީ ހިންގަން ޖެހޭ ގޮތަށް ނިޒާމު ނުހިންގުމެވެ. މިފަދަ ކަންތައްތަކުން އަޅުގަނޑުމެންގެ މުޖުތަމައު ސަލާމަތް ކުރުމަކީ މުހިންމުކަމަކަށްވާއިރު، އެންމެ ފުރަތަމަ ފުހެންލަން ޖެހެނީ އިންސާފު ގާއިމްކުރުމަށް އުފައްދާފައިވާ ނިޒާމުގައި ޖަހާފައިވާ ފެހިތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: