ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ފިކުރުކަމުގައިވާ އެމްޑީޕީގެ އެއް ތަނބު ކަމުގައިވާ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާޓީއާ ވަކިވެވަޑައިގެން އައު ޕާޓީއެއް ދަ ޑިމޮކްރަޓްސް ނަމުގައި އުފައްދަވާފައެވެ. ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާ ވާދަކުރައްވާ ރައީސް ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ އާ އެމްޑީޕީގެ ތެރޭގައި ރައީސް ޞާލިހުގެ ބާރު ގަދަވެ އެންމެފަހުން ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީއެވެ.
ހަމަ މިމުއްދަތުގެ ތެރޭގައި ޑިމޮކްރަޓުން އެންމެ ބޮޑަށް ވަކާލާތުކުރަމުންދިޔައީ ”އިބޫ ނޫންގޮތެއް“ ހޯދުމަށެވެ. އެމްޑީޕީގެ ސަރުކާރު ވޯޓުން ބަލިކޮށް އެހެން ސަރުކާރެއް ގެނައުމަށެވެ.
އެ މަސައްކަތުގައި އޭރު ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލައި، ޕީޕީއެމްއާ ބައިއަތު ހިއްޕެވުމަށްވެސް މަސައްކަތް ކުރައްވާފައެވެ. އެއާއެކު ހަނދާނަށް އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ގެ ރިޔާސީ ރޭހުން ނާކާމިޔާބުވުމާއެކު އޭރު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެވެ.
އެ ދުވަހު ރައީސް ނަޝީދު ވަނީ ޔާމީން މާބޮޑަށް ވެސް ނާކާމިޔާބު ވެވަޑައިގެންފައި ވާކަމަށާއި. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރައީސް ޔާމީން ދެން ހަރަކާތްތެރިވެ ވަޑައިނުގަންނަވާނެކަމަށް ވިދާޅުވެ، ޔާމީނަށް ނުހަނު ފާޑު ވިދާޅުވެފައެވެ.
ނަޝީދު އެ ދުވަހު ވިދާޅުވީ، އަނިޔާވެރިކަމާއި، ވައްކަމާއި، ބޭފަވާތެރިކަމާއި، ޚިޔާނާތްތެރިކަމަކީ އިންސާނާ ފަހަތަށް ޖައްސާލާ ޒާތުގެ ކަންކަން ކަމަށެވެ. ޔާމީނަށް އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީގެ ސަބަބަކީވެސް ނަޝީދު ސިފަކުރެއްވި ގޮތުގައި، އަނިޔާވެރިކަމާއި ވައްކަމާއި ޚިޔާނާތެވެ.
އެހެންނަމަވެސް، ދެން ފެނިގެން ދިޔައީ އެމްޑީޕީގެ ވެރިކަން ފެށި، އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދިގެން ދިއުމާއެކު، ރައީސް ނަޝީދުގެ ރާގުފުޅު ބަދަލުވި މަންޒަރެވެ.
ދެން ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރަން ޖެހޭނެ ކަމަށެވެ. ހަރުއަޑުފުޅުން ގޮވާލައްވަމުން ގެންދެވީވެސް ޔާމީނު ދޫކޮށްލުމަށެވެ. އެ ދުވަހު ފެނުނު މަންޒަރު ބޮޑަށް ސިފަކުރެވުނީ އެމަނިކުފާނުގެ ރިޔާސީ ކެނޑިޑޭޓުގެ ކެމްޕޭނު ޖަލްސާއަކަށްވުރެ ބޮޑަށް، ޔާމީނު މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ ފޯރިގަދަ ޖަލްސާއެއް ގޮތުގައެވެ. އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ދެން މާގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ ކަމަށެވެ. ޔާމީން މިނިވަން ކުރެއްވުމަށް ބައިނަލް އަގުވާމީ ފަރާތްތަކާއެކު އެމަނިކުފާނު ވާހަކަދައްކަވާނެ ކަމަށެވެ.
އަދި އެކިއެކި ބައިނަލް އަގުވާމީ ވަކީލުން ރާއްޖެއަށް ގެންނަވައިގެން ވަކާލާތުވެސް ކުރައްވާނެ ކަމަށް ވިދާޅުވެ، އެރޭ ޕީޕީއެމްގެ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ރައީސް ޔާމީން ޖަލުން ނެރުއްވާނެކަމެވެ.
އޭރު ރައީސް ނަޝީދު އެމްޑީޕީއާ ގުޅޭގޮތުންވެސް ވާހަކަ ދެއްކެވީ ހަމަ އެފަދަ ބީދައަކުންނެވެ. އެމްޑީޕީއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިތުބާރެއް ނެތް ކަމަށާއި، އެމްޑީޕީއަކީ މިހާރު ބަލައިގަންނަ ޕާޓީއެއް ނޫންކަމަށް ވިދާޅުވެ، ޕާޓީ ރޫޅާލައްވަން ނުކުމެވަޑައިގެންނެވީވެސް ހަމަ ރައީސް ނަޝީދެވެ.
ކޮންމެ އަކަސް ”އިބޫ ނޫންގޮތެއް“ ހޯދުމުގައި ދަ ޑިމޮކްރަޓްސް ކާމިޔާބީ ހޯދައިފިއެވެ.
މިހާރު އަނެއްކާވެސް ރައީސް ނަޝީދު މިވަނީ އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. ބޮޑަށް ޤަބޫލު ކުރެވޭ ގޮތުގައި މިފަހަރުވެސް އެ ވިދާޅުވި ބަސްފުޅުގެ ފަހަތުގައި އަމިއްލަފުޅު ކޮންމެވެސް ސިޔާސީ ”އެޖެންޑާ“ އެއް އޮންނާނެއެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތުން ފެންނަން އޮތް ސާފު މަންޒަރަކީވެސް އެއީއެވެ.
ފަހަރުގައި މިއަދުގެ ސިޔާސީ އެޖެންޑާއަކީވެސް ހަމަ ”އިބޫ ނޫން ގޮތެއް“ ހޯދުންކަމަށް ވުން ގާތެވެ. ވަކިން ޚާއްސަކޮށް އެމްޑީޕީގެ ތެރޭގައިވެސް ވެރިކަމަށް ނުކުންނާނެކަމަށް ބެލެވޭ ކެންޑީޑޭޓުންގެ ވާހަކައިގެ އަޑު ގަދަވެފައިވާއިރު، މި ދަނޑިވަޅުގައި އެމްޑީޕީގެ އެތެރޭގައި އިތުރު ބައިބައިވުންތަކެއް އުފެއްދެވުމަކީ މި ދެންނެވި އެޖެންޑާ ޙާސިލު ކުރެއްވުމަށް ކޮއްޓަވާ މަގަކަށްވުންވެސް ގާތެވެ.

