ފުރަތަމަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާއެއްގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ އަދަދު 224 މިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކުގައި ލިޔެފައިވާ ގޮތުން ކުންފުނިތައް މެދުވެރިކޮށް މި އަހަރު ޑިވިޑެންޑްގެ ގޮތުގައި 709 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ. އެހެންކަމުން އަދި މިހާތަނަށް އަންދާޒާ ކުރި އަދަދުން ލިބިފައި ވަނީ 32 އިންސައްތަ އެވެ.
2024 ވަނަ އަހަރު އެސްއޯއީތަކުން ޑިވިޑެންޑުގެ ގޮތުގައި 786 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރި ނަމަވެސް، އެ އަހަރު ލިބުނީ 572 މިލިއަން ރުފިޔާ އެވެ. އެއީ ލަފާކުރި އާމްދަނީއަށް ބަލާއިރު 70 އިންސައްތަ އެވެ. އޭގެ ކުރީ އަހަރު ދައުލަތަށް އެސްއޯއީތަކުން ލިބިފައި ވަނީ ލަފާކުރި އާމްދަނީގެ ނިސްބަތުން ބަލާއިރު 65 އިންސައްތަ އެވެ.
ޑިވިޑެންޑު ލިބޭ މިންވަރު މަތިވާނެކަމަށް ލަފާކުރި ނަމަވެސް، ކުންފުނިތަކަށް އެކަށީގެންވާ ފައިދާއެއް ނުލިބި ދަރަނިތައް އިތުރުވުމުުގެ ސަބަބުން އެ އަދަދުތަކަށް ވާސިލެއް ނުވެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގޮތުގައި 30 ވަރަކަށް ކުންފުނި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭގެ ތެރެއިން ފައިދާ ވަނީ ވަރަށް މަދު ކުންފުންޏަކަށެވެ.
އެސްއޯއީތަކުން ލޯނު ނެގުމާއި އިންވެސްޓު ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން (ޕީސީބ) އިން ދާދިފަހުން ވަނީ އެސްއޯއީތަކުގެ ނަމޫނާ ހިންގާ ގަވައިދެއް ފާސްކޮށްފަ އެވެ.
އެ ގަވައިދު ކުރިން އޮތް ގޮތުން އެސްއޯއީތަކުގެ އޮނިގަނޑު އެކުލަވާލުމާއި، ލޯނު ނެގުމާއި އިންވެސްޓު ކުރުމުގެ ކުރިން ޕީސީބީގެ ހުއްދަ ހޯދަން ޖެހެއެވެ. އަދި ކުންފުނީގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ މަސައްކަތަށް ބަލައި ބޯނަސް ޕޭމަންޓެއް ދެވެން އޮންނަނީ ވެސް ޕީސީބީގެ ހުއްދަ ލިބިގެންނެވެ.
އެހެން ނަމަވެސް އުސޫލަށް ގެނައި ބަދަލުން ޕީސީބީގެ ބަދަލުގައި ހުއްދަ ހޯދަން ޖެހޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދައެވެ.

