މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް 25 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ދޫކޮށްފައިވާކަމަށް އެ އެޖެންސީން މައުލޫމާތު ދީފިއެވެ.
އެންސްޕާގެ ފަރާތުން މި މައުލޫމާތު ހިއްސާ ކުރީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެ ތަފްސީލަށް އެދި ފޮނުވުމުންނެވެ. އެންސްޕާގެ ސީއީއޯ ހީނާ ވަލީދަށް ފޮނުވި އެ ސިޓީގައި ކުޑޫ އެދިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ތެރަޕީގެ ހިދުމަތަށް އެންސްޕާގައި ރެޖިސްޓާކޮށްފައިވާ ކުދިންގެ މައުލޫމާތުތައް ދިނުމަށާއި، އޭގެ ތެރެއިން ރާއްޖެއިން ބޭރުގައި ތިބި ކުދިންގެ އަދަދު ހޯދުމަށެވެ.
މެމްބަރަށް އެންސްޕާގެ ފަރާތުން ފޮނުވި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި އަހަރުގެ މާޗު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން 675 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސަދީފައިވާނެ އެވެ. އަދި އެ ފަރާތްތަކަށް 25.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން 18 އަހަރުން ދަށުގެ 652 ކުދިންނަށް 24.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މީގެއިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ 30 ކުދިންނަށް ހޭދަކޮށްފައި ވަނީ 1.2 މިލިއަން ރުފިޔާއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕިއުޓިކް ފަރުވާއަށް 96.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި ހަރަދުގެ ތެރޭގައި 18 އަހަރުން ދަށުގެ 1031 ކުދިންނަށް 94 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، 18 އަހަރުން ދަށުގެ 54 ކުދިން ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިދުމަތް ހޯދުމަށް 4.2 މިލިއަން ރުފިޔާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

