އީސްޓާރ ޗުއްޓީ ދުވަސްތަކުގައި ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާ ނުދޭނެކަމަށް އެ ގައުމުގެ ރައީސް ވްލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.
ރިޕޯޓުތަކުގައިވާގޮތުން ޔޫކްރެއިންއިން ވަނީ ރަޝިއާއިން އީސްޓާރ ދުވަސްވަރަށް ހަަމަލާތައް ހުއްޓާލަފާނެކަމަށް ފުރިހަމައަށް ގަބޫލުނުކުރެވޭކަމުގެ އިޝާރާތްތަކެއް ކޮށްފައެވެ. ނަމަވެސް އިހުލާސްތެރިކަމާއިއެކު ހަމަލާތައް މަޑުޖައްސާލުން ބަލައިގަންނާނެކަމަށް ބުނެއެވެ.
ރަޝިއާއިން މި ފިޔަވަޅު އަޅަން ނިންމާފައިވާކަން ހާމަކުރީ ދެ ގައުމުގެ ދެމެދު މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ގައިދީން ބަދަލުކުރުމުގެ މަސައްކަތްތައް ނިންމާލުމާއިއެކުއެވެ.
ޔޫކްރެއިންއަށް ހަމަލާ ދިނުން މަޑުޖައްސާލާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު އެކަން ކޮށްފައިވަނީ އިންސާނިއްޔަތަށްޓަކައިކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިއީ ދެ ދުވަހެއްގެ މަތިން ކުރިއަށް ގެންދާނެ މަސައްކަތްތަކެކެވެ.
މި ސުލްހައިގެ މުއްދަތުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތަކާއި ގުޅޭ އެއްވެސް ތަފްސީލެއް ޕުޓިން ދެއްވާފައިނުވެއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ، ރަޝިއާއިން އެއްވެސް ޝަރުތެއް ނުކޮށް އެއްކޮށް ހަމަލާތައް ހުއްޓާލުމަށް ތައްޔާރުނަމަ އެ ގައުމުންވެސް އެކަމަށް އަމަލުކުރާނެކަމަށެވެ. އަދި އެ ގައުމުން ހަމަލާއެއް ދޭނީ ހަމައެކަނި ދިފާއުވުމުގެ ގޮތުންކަމަށް ފާހަގަކުރިއެވެ.
މިފަހުން ރަޝިއާ އަދި ޔޫކްރެއިންގެ ދެމެދު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި އެމެރިކާއިންވަނީ ގިނަ މަސައްކަތަކެއް ކޮށްފައެވެ. ނަމަވެސް އެއްބަސްވުމަކާއި ހިސާބަށް ވާސިލުވުމުގައި ބޮޑެތި ގޮންޖެހުންތައް ހުރިއިރު ރަޝިއާ އަދި އެމެރިކާ ދެމެދު ފުޅާ ދާއިރާއެއްގައި މިހާރު މަޝްވަރާތައް ކުރެވެމުން އެބަދެއެވެ.

