އީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނު ކުރައްވާފައިވަނީ މއ. ސިގްމާ އަލްއުސްތާޛު މުޙައްމަދު މުޖްތާޒްއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އޭނާ އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް، ކޮމިޝަންގެ މެންބަރުކަމުގެ ހުވައިކުރެއްވިއެވެ. އަލްއުސްތާޛު މުޙައްމަދު މުޖްތާޒަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދެވެ.
ހަމައެއާއެކު، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި އަލްއުސްތާޛު މުޙައްމަދު މުޖްތާޒާ ޙަވާލުކުރެއްވިއެވެ.
އަލްއުސްތާޛު މުޙައްމަދު މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފައެވެ.

