ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި، ޕްރިފެރެންޝަލް ވޯޓިންއަކަށް ދިއުމަށް ތާއީދު ކުރާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން ގެނައުމަށް ގަސްދު ކުރައްވާ ބައެއް ބަދަލުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ގާނޫނުއަސާސީއަށް އެ އިސްލާހު ގެނެސްގެންނެވެ.
މިދިޔަ އަހަރު އޮތް ޖަލްސާއެއްގައި އެ ވިސްނުން ހާމަކުރެއްވި ފަހުން، ރައީސް މުއިއްޒު އެ މައުޟޫއުއަށް ވާހަކަ ދައްކަވާފައި ނުވެއެވެ. އަދި މިފަހުން އަނެއްކާވެސް ދެވަނަ ބުރު އުވާލާ ގޮތަށް ވާހަކަ ދެކެވެން ފެށީ، އެ އިސްލާހު ގެނައުމަށް ރައީސް މުއިއްޒު ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުންގެ އަރިހުގައި ތާއީދަށް އެދިވަޑައިގަތުމުންނެވެ.
ހިޔާލުތައް ދެކެފިވެފައިވާ މި މައްސަލައިގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިންއަކަށް ދިއުމަށް އެމަނިކުފާނު ތާއީދު ކުރައްވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޕްރިފެރެންޝަލް ވޯޓަކާއި އެކު ނަމަ އެއްބުރުން ވޯޓުލައި ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެކެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އަމިއްލަ ވިސްނުމަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރާއި ހިސާބުން ވެރިއަކު ކަނޑައެޅުމެވެ. އަދި ޕްރިފެރެންޝަލް ނިޒާމަކަށް އަމަލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ދިރާސާތައް ކުރަމުން ގެންދާކަމަށް އެމަނިކުފާނު އޭރު ވިދާޅުވެފައިވެއެވެ.

