މިހާރު އަބާދީގައި އިސްރަށްވެހިންނަށް ދިމާވެފައިވާ މައްސަލަތަކަކީ ދެނެގަނެވިފައިވާ މައްސަލަތަކެއް ކަމަށާއި އެ ކަންކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ސޯޝަލް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާ ޙަލީލް ވިދާޅުވީ، މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އިސްރަށްވެހިންގެ ނާދީއަކީ މިހާރު ގިނަ އަދަދެއްގެ އިސްރަށްވެހިން ހިދުމަތް ހޯދަމުންދާ މުހިންމު މަރުކަޒެއް ކަމަށެވެ. އަދި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ.
ލަހުފާ އިތުރަށް ވިދާޅުވީ، މާލޭގައި ޤާއިމުކުރެވިފައިވާ މި ނާދީއަކީ އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ހަރަކާތްތަކެއް ރާވައި ހިންގުމުގެ ނިޒާމެއް ޤާއިމުކުރެވިފައިވާ މަރުކަޒެއް ކަމަށެވެ.
މީގެ އިތުރުން، ނާދީގައި ހިންގޭ ޙަރަކާތްތަކުގެ ތެރޭގައި ލުއި ކަސްރަތު ޕްރޮގްރާމްތަކާއި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ހިންގޭ އެކިއެކި ޙަރަކާތްތަކާއި، މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި، އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ޕްރޮގްރާމްތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ.
”ދިވެހިރާއްޖޭގެ ހާލަތަށް ބަލާލާއިރުގައި ރާއްޖޭގެ އާބާދިއަށް ވަނީ ބަދަލުތަކެއް އަންނަން ފަށާފަ. މި އަންނަމުންދާ ބަދަލުތަކާއިއެކު ދޮށީ އުމުރުގެ އާބާދީއަކަށް ދިއުމުގެ އިހުތިމާލު ވަރަށް ބޮޑަށް ޓްރެންޑްސް ތަކުން އަޅުގަނޑުމެންނަން އެބް ފާހަގަކުރެވޭ. އެހެން ވާހިނދު ދިވެހި ރާއްޖޭގެ އާބާދީގައި މިތިބި މީހުންނަކީ، މިސާލަކަށް ޑަބްލިޔު.އެޗް.އޯގެ ރިޕޯޓްސްތަކަށް ބެލިޔަސް ނޫނީ ހެލްތު މިނިސްޓްރީން އާއްމު ކުރާ ތަފާސްހިސާބުތަކާއި ބައެއް ދިރާސާ ތަކަށް ބެލިޔަސް އަޅުގަނޑުމެންގެ ތެރޭގައި މި ގައިން ގަޔަށް ނާރާ ބަލިތައް، ހަކުރު ބަލި، ލޭ މައްޗަށް ދިއުން، މިކަލަ ބަލިތައް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަކަން ފާޙަގަކުރެވޭ“
ލަހުފާ ވިދާޅުވި ގޮތުގައި، އާބާދީއަށް އަންނަމުންދާ ބަދަލުތަކާއެކު، އާބާދީ ދުޅަހެޔޮ ނޫން ހާލަތަކަށް ބަދަލުވެއްޖެނަމަ، އޭގެ ސަބަބުން ދައުލަތަށާއި މުޅި މުޖުތަމައުއަށް ވެސް ނޭދެވޭ އަސަރު ކުރާނެއެވެ.
މީގެ އިތުރުން، ހިޖުރަކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި އެކު، އާއިލާގެ ތެރޭގައި ދޮށީ އުމުރުގެ މީހުން އެކަހެރިވެ، ބާކީވެގެންދާ ހާލަތްތަކުގައި، ބައެއް މީހުން ނާޖާއިޒު ގޮތުގައި މާލީ މަންފާ ހޯދާ ކަމަށް ލަހުފާ ފާހަގަކުރެއްވިއެވެ.
ލަހުފާ ވިދާޅުވި ގޮތުގައި، ގައުމީ ސިޔާސަތުތައް އެކުލަވާލެވެމުން ދަނީ ގައުމުގައި ހުރި އެކިއެކި ސިއްހީ އަދި އިޖުތިމާއީ މައްސަލަތަކަށް ރިއާޔަތްކޮށްގެންނެވެ

