ރާއްޖޭގެ މައި ޖަލު އުތުުރު ތިލަފަޅުގައި އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ މަސައްކަތަށް އިންވެސްޓަރުން ހޯދުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީން އިއުލާނުކޮށްފިއެވެ.
ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ޤަރާރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ އިސްލާހު ކުރައްވާފައެވެ.
މި ގަރާރުގައި ވަނީ ސަރުކާރުން ހިންގުމަށް ރާވާފައިވާ މުހިއްމު 25 ޕްރޮޖެކްޓެއް ހިމަނައި، އެ ޕްރޮޖެކްޓްތަކަށް އެންމެ މަދުވެގެން ހަރަދު ކުރަންޖެހޭ ވަރު އާންމުކޮށްފައެވެ.
މީގެ އިތުރުން، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ”އުއްމީދު / ހޯޕް އައިލެންޑް“ މަޝްރޫޢަށް ބޭނުންވާ 15 (ފަނަރަ) ހެކްޓަރުގެ ބިން، ކ. ގިރާވަރު އުތުރުފަޅުން ހިއްކައި، އެ ބިމުގައި ހޯޕް އައިލެންޑް ތަރައްޤީކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. ހަމަ އެ ފަޅުން، ”ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް“ މަޝްރޫޢަށް ބޭނުންވާ 30 (ތިރީސް) ހެކްޓަރުގެ ބިން ހިއްކައި، ”ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް“ ތަރައްޤީކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
އެހެންކަމުން ރައީސްގެ އެ ޤަރާރާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް އިންވެސްޓްކޮށްދޭނެ ބަޔަކު ހޯދުމަށް ހޯމަ ދުވަހު ހޯމް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މި މަޝްރޫއަށް ”އެކްސްޕްރެޝަން އޮފް އިންޓްރަސްޓް“ (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ 27 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.

