ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކިކަމަށް ބުނެ އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި މަސައްކަތް ކުރާ އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރުގެ މައްޗަށް ނެރެފައިވާ އަމުރެއްގެ މައްސަލަ އެވެ. މައްސަލައިގައި މަންދީގެ އިތުރުން، އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ގެ ޖިންސީ ގުނަވަން ނޫން އެހެން ހުރިހާތަނެއްގެ ފޮޓޯ ނެގުމަށް ޗިޓެއް ހަވާލުކޮށްފައި ވާތީ ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ.
އެ އަމުރުގެ މައްސަލަ ގޯސްވީ، ފޮޓޯ ނެގުމަށް ހަމަޖެހިފައި ވަނީ ބަރަހަނާ ކުރުމަށްފަހުކަމަށް ބުނެ ރިޕޯޓުތައް ދައުރުވާން ފެށުމުންނެވެ. ފުލުހުންނާއި އެކަމާ ގުޅޭގޮތުން އިއްޔެ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ. އަދި މިއަދު ނެރެނު ބަޔާނެއްގައި ބުނީ މައުލޫމާތުތައް ފެތުރެމުން ދަނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ.
މައްސަލައިގައި މިއަދު އާންމު ކުރި ބަޔާނެއްގައި ފުލުހުން ބުނީ ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެން ކަމަށެވެ. އަދި އެމީހެއްގެ ރުހުން ނުދޭކަމުގައިވާނަމަ ދެން ބޭނުން ވާނީ ކޯޓު އަމުރެއް ކަމަށް ވެއެވެ.
ފުލުހުން ބުނި ގޮތުގައި ފޮޓޯ އާއި އަޑުގެ ސާމްޕަލްި ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ތެރޭގައެވެ. އަދި ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި، ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ސާމްޕަލް ނެގުން ހިމެނޭތީ، ހަށިގަނޑުގެ ބޭރުގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި، ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެކަމަށް އަމުރުގައި ބަޔާން ކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށްކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ގާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ބުނީ ފުލުހުން ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމަޕް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށެވެ.
ފުލުހުން ބުނީ އާއްމުކޮށް ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖް އަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް ކަމަށެވެ.
މަންދީގެ މައްސަލައިގައި ދައުރުވާ ޗިޓަކީ ފުލުހުން ބުނެފައިވާ ގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕާރސަން އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ޖިނާއީ ތަހުގީގަށް ބޭނުންވާ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެެކެވެ.

