ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ތުހުމަތުވާ މީހުން ބަންދުނުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.
އަނަސް އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދެ ބާވަތެއްގެ ދައުވާ އުފުލިއެވެ.
ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ:
- އަފްރާހު އަބްދުއްރައްޒާގު
- އަހުމަދު ޒަޔާން
- އުސްމާން ޝަރީފް
ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:
- ޖުނައިހު އަބްދުﷲ
- ހަސަން މަހްފޫޒް
- ސިމާހު މޫސާ
- މުހައްމަދު ޝާޒް
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް ދައުވާކޮށްފައިވާ މީހުން ކުށުގައި ބައިވެރިވާކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި ހުކުމުގައި ވާގޮތުން، މައްސަލައިގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތަކުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތެވެ. އަދި ފުޓޭޖުތަކުގެ ޗެއިން އޮފް ކަސްޓަޑީ ލިބިފައި ނުވާކަމަށް ހުކުމުގައި ވަނީ ބުނެފައވެއެވެ.
މީގެއިތުރަށް ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފައެވެ. އަދި އެއަށްފަހު ކުރިއަށްދިޔައީ މި މައްސަލައިގައި ތުހުމަތުވާ މީހުންގެ ބަންދާމެދު ގޮތް ނިންމުމާގުޅޭ ބައެވެ. މި މައްސަލައިގައި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވީ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް މައްސަލަ ކާމިޔާބުވުމުގެ އިޙްތިމާލު ނުވަތަ ދަށު ކޯޓުގެ ޙުކުމް ބަދަލުވުމުގެ އިޙްތިމާލު ބޮޑުކަން ދައްކުވައިދޭ ސަބަބެއް ހުށަހެޅިފައި ނެތް ކަމަށާއި، އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ތުހުމަތު ކުރެވޭ ކުށް ހުރިކަމަށް ބާރުދޭ ހެކި ހުރިކަން ދައުލަތަށް ބުނެދެވިފައިނުވާކަމަށެވެ.
އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.
އެހެންވެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ވަނީ ދެފަރާތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވައި، ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކުމަށްވެސް ފުރުސަތު ދެއްވާފައެވެ. އަދި މި މައްސަލައިގެ އަޑުއެހުންތައް ނިންމާލެވިފައިވާކަންވެސް ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ދެން އޮންނާނީ މި މައްސަލައިގެ ގޮތެއް ނިންމުމަށް ބޭއްވޭ އަޑުއެހުމެވެ.

