ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޓަޔާމަންޓް ބެނެފިޓެއް ލިބި، ދައުލަތުގެ އެހެން ވަޒީފާއަކަށް އައުމަކީ ހަމަޖެހޭ އުސޫލެއް ނޫން: ސީއެސްސީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުވުމުގައި ޕެންޝަން އޮފީހާއި، ސީއެސްސީގެ މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ރިޓަޔާމަންޓް ބެނެފިޓެއް ލިބި، ދައުލަތުގެ ވަޒީފާއަކަށް އައުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެ އެވެ.

ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަޝްވަރާތައް ފަށައި ޕެންޝަން އޮފީހާއި ސީއެސްސީއާއި މިއަދު ވަނީ ބައްދަލުކޮށްފަ އެވެ.

2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް އޭރު އެކަމާއި ގުޅޭ މަސައްކަތްތައް ހިމަނާފައި ހުއްޓެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ މައުލޫމާތުތައް އޮޅުން އަރައި، އެކި ގޮތްގޮތަށް ފެތުރެން ފެށުމުން ވަކި ހިސާބަކުން ޑަބަލް ޕެންޝަންގެ ވާހަކަތައް މަޑުޖެހުނެވެ.

ޑަބަލް ޕެންޝަންގެ މައްސަލައާއި އެކު ކުރިމަތިވާ ދަތިތަކާއި، ކުރިޔަށް އޮތް ތަނުގައި މާލީ ގޮތުން ކުރިމަތިވާނެ މައްސަލަތައް ބަޔާންކޮށް ޕެންޝަން އޮފީހުން ތައްޔާރު ކުރި ކަރުދާހަކަށް މީގެ ކުރިން މާލިއްޔަތު ކޮމިޓީގައި މަޝްވަރާ ކުރި އެވެ.

މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ޕެންޝަނުގެ ނިޒާމާއި ގުޅޭގޮތުން ނާސިހު ވިދަޅުވީ 2008 ވަނަ އަހަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ފަސް ހާހަށް ވުރެ ގިނަ މުވައްޒަފުންނަށް ރިޓަޔަރ ކުރުމުގެ އިނާޔަތް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި 55 އަހަރުވެގެން ރިޓަޔަރ ކުރި މީހުންގެ އަދަދަކީ 1،1612 ކަމަށްވާއިރު 65 އަހަރުގައި ވަކިވީ 3،626 މީހުންކަމަށް ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ މިއީ ސިވިލް ސާވިސްގެ އަދަދުތައް ނަމަވެސް، އެހެން މުވައްސަސާތަކުގައި ވެސް 55 އަހަރު ވުމުން ރިޓަޔަރ ކުރެވޭ ގޮތަށް އުސޫލުތައް ހުންނަކަމަށެވެ. ސިވިލް ސާވިސްގައި ރިޓަޔަރ ވެގެން ބައެއް ފަރާތްތަކުން އެހެން މުވައްސަސާތަކުގައި މަސައްކަތް ކުރާކަން ފާހަގަކުރައްވައި ނާސިހު ވިދާޅުވީ ރިޓަޔާމެންޓުގެ މަގްސަދަކީ މަސައްކަތުން އެއްކޮށް ވަކިވުންކަމަށްވުމާއި އެހެންކަމުން މަގްސަދު ވެސް އޮންނަން ޖެހޭނީ އެގޮތުގައި ކަމަށެވެ.

ނާސިހު ވިދާޅުވި ގޮތުގައި ދައުލަތުގެ އެއް މުވައްސަސާއަކުން ލިބޭ ރިޓަޔާމަންޓް ބެނިފިޓާއި އެކު، އެހެން ވަޒީފާއަކަށް ދިއުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ. އެހެންކަމުން މިކަމަށް ގާނޫނުގެ ތެރެއިން ހައްލެއް އަންނަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ދެން އަޅުގަނޑުމެން ސީއެސްސީ ވެސް ދޭ ރިޓަޔާމަންޓާއި ދޭތި ވެސް ލިބޭ ކަހަލަ ގޮތަކަށް… އެއީ ކަންނޭނގެ ޑަބަލް ޕެންޝަން ބައެއް ފަރާތްތަކުން މާނަ މި ކުރައްވާ ގޮތަކީ..

މިއަދުގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުން ބުނީ ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު 100 މިލިއަނެއްހާ ރުފިޔާ ހޭދަވާކަމަށެވެ. އަދި އެ އޮފީހުން ލަފާކުރާ ގޮތުގައި މި އަދަދު ފަސް އަހަރުގެ ތެރޭގައި ހަތް އިންސައްތަ އިތުރުވާނެކަމަށް ލަފާކުރެވެ އެވެ. މިއީ ދައުލަތަށް މެނޭޖު ކުރުމަށް އުނދަގޫވާނެ ހަރަދެއްކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ.

ތަފްސީލު ދެއްވައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ވިދާޅުވެފައި ވަނީ ޕެންޝަންގެ ބޭރުން އެކިއެކި ސްކީމްތައް ހިންގާއިރު އޭގެ ސަބަބުން އުފެދިފައި ވަނީ ތަފާތު ކުރުން ބޮޑު ނިޒާމެއް ކަމަށެވެ. ކަންބޮޑުވުންފާޅުކޮށް ޝުޖާތާ ވިދާޅުވީ ބަޔަކަށް ލިބެމުންދާ ފައިދާއެއް ލުއްލިއަކަށް ހުއްޓާލުމަކީ ވެސް އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭކަމަށެވެ. އެހެން ނަމަވެސް ހައްލެއް ގެނައުމުގެ ގޮތުން، ބައެއް ފިޔަވަޅުތައް އެޅުމަށް ވިސްނަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާތާ ވިދާޅުވީ ޕެންޝަންގެ ގާނޫނު ވުޖޫދުވިތާ 15 އަހަރުވެފައިވާކަމަށާއި، އެ ސްކީމްގެ ބޭރުން ވަކިވަކި މުވައްސަސާތަކުން ހިންގާ ސްކީމްތަކުން ދޭ ފައިދާތައް އުވާލުމުގައި ގެންނަން ފެންނަނީ މެދު މިނުގެ ހައްލެއް ކަމަށެވެ. އެގޮތުން ވަކި ތާރީހެއް ކަނޑައަޅައިގެން، ގޮތެއް ނިންމުން ރަނގަޅުކަމަށް ޝުޖާތާ ވިދާޅުވި އެވެ.

ޝުޖާތާ ވިދާޅުވީ ވަޒީފާއިން ވަކިވާއިރު ވަކި މިންވަރެއްގެ ފައިދާއެއް ލިބޭނެކަން ބައެއް މީހުންނަށް އެނގޭކަމަށެވެ.

ޕެންޝަން އޮފީހާއި، ސީއެސްސީގެ ވާހަކަތަކާއި އެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވޭތުވެދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ޕެންޝަނަށް 2.96 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.

ނާޒިމް ވިދާޅުވެފައި ވަނީ ޕެންޝަނާއި ބެހޭ ގާނޫނަށް 2009 ވަނަ އަހަރު އަމަލު ކުރަން ފެށިއިރު ސިވިލް ސާވިސް ގާނޫނުގައި ބަޔާން ކުރާ ރިޓަޔަމަންޓް ޕެންޝަން ދޭ ހާއްސަ ގާނޫނަކީ ޕެންޝަން ގާނޫނުކަމަށް ބަލައިގަތުމަށް ދައުލަތުގެ ކަމާއި ގުޅުން ހުރި ފަރާތްތަކުން އިންކާރު ކުރިކަމަށެވެ. އެއާއި އެކު ވަގުތީ ގޮތުން ތައާރަފު ކުރި ރިޓަޔަމަންޓް ޕެންޝަން ބެހޭ އުސޫލުގެ ސަބަބުން ނިކުތް ނަތީޖާއަކީ ނާޒިމް ވިދަޅުވި ގޮތުގައި ޑަބަލް ޕެންޝަނަށް ފުރުސަތު ހުޅުވިގެން ދިއުމެވެ. އަދި އޭގެ ހުރިހާ ބުރައެއް މިވަގުތު ބޮޑުވެފައިވާކަން ވެސް ނާޒިމް ވަނީ ފާހަގަކުރައްވާފަ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މި ދެ ގާނޫނުގައި ހުރި ފުށުއެރުންތައް ވެސް ހައްލު ކުރުމަށް ސިވިލް ސާވިސް އާއި ޕެންޝަން އޮފީސް ގުޅިގެން އެކުގައި ކުރަންޖެހޭ މަސައްކަތްތައް ގިނަ އެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރުމުގައި ސިވިލް ސާވެންޓުންގެ ޕެންޝަނަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށް ނާޒިމްގެ ވާހަކައިގައި ވިދާޅުވި އެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ނާޒިމް ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި ބަދަލުތައް، އޭގެ ފަހުން ވުޖޫދުވެގެން އައި އެހެން މުވައްސަސާތަކާއި ގުޅޭ ގާނޫނުތަކުގައި ވެސް އެބަހުރިކަމަށެވެ. މިސާލެއްގެ ގޮތުން ނާޒިމް ދެއްކެވީ ކަރެކްޝަނާއި ޖުޑިޝަރީ އެވެ. އަދި ފަނޑިޔާރުން ވެސް އުމުރުން 40 އަހަރު ނުވަނީސް ރިޓަޔަރ ކުރުމަށް ފަހު އުމުރު ދުވަހުގެ މުސާރައާއި އިނާޔަތް ނަގަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ބައެއް ޔުނިފޯމު އެޅި އިދާރާތަކުން ވެސް ރިޓަޔާކުރުމަށް ފަހު އެލެވަންސްތައް ނަގައި ދަނީ ސިޔާސީ މަގާމުތަކަށް ގޮސްގެން މަންފާ ނަގަމުންނެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ، ޕެންޝަން ސްކީމުތައް ހިންގުމުގެ ބަދަލުގައި އެ ހުރިހާ ބާރެއް ޕެންޝަނުގެ ގާނޫނުގެ ތެރެއިން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ހަވާލު ކުރުމަށް މަޝްވަރާކޮށްފަ އެވެ. އަދި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މަސައްކަތްތައް ރާވާނެ ގޮތުގެ ޓައިމްލައިނެއް ހިއްސާ ކުރުމަށް އެ އިދާރާއަކަށް އެދިފައިވެއެވެ. އެހެންވެ އެކަމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާއި އެކު މަޝްވަރާ ކުރުމަށް މެމްބަރުން ވާހަކަ ދެއްކެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: