ޕީއެސްއައިޕީ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ޕީއެސްއައިޕީ މަޝްރޫއުތައް ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަކީ ޕްރައިވެޓް ސެކްޓަރ ބާކީ ކުރުން ކަމަށް މާނަ ނުކުރެވޭނެއެވެ. ”މިފަދަ މަޝްރޫއުތަކާއި މަސައްކަތްތައް ކުރިއަށް ގެންދާއިރު ޕްރައިވެޓް ސެކްޓަރ ބާކީ ކުރާ ވާހަކައަކީ ހަގީގަތާ ހިލާފަށް ދެކެވޭ ވާހަކަތަކެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓު ނެތުމުގެ ސަބަބުން ގިނަ ފަހަރު މަސައްކަތް ކުރިއަށް ނުދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ބަނދަރު މަރާމާތު ކުރުމާއި މަގު ހެދުން ފަދަ މަޝްރޫއުތައް ހިމެނެއެވެ. އަދި ވައުދުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕްރައިވެޓް ސެކްޓަރގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) ފަދަ އެސޯސިއޭޝަންތަކާއި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ އެކި ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވަމުންދާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ކުދި ވިޔަފާރިތަކާ ގަވާއިދުން ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކުގެ އަޑުއަހައި، ދިމާވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަންވެސް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.

