ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމްއާންއާމެދު ތަފާތުކުރުން ގެންގުޅެފައިވޭ: ވަކީލު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މަގާމުގެ ނާޖާއިޒް ފައިދާ ނެގިކަމުގެ ކުށުގެ ތުހުމަތުކޮށް އިމިގްރޭޝަން ކޮންޓްރޯލަރުގެ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބަންދުގެ މައްސަލައާއި ގުޅުވައި ޝަމްއާންގެ ފަރާތުން ދެ މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރި މައްސަލައެވެ. ދެވަނަ މައްސަލައަކީ ޝަރީއަތް ނިމެންދެން ކުރި އަމުރާގުޅޭ މައްސަލައެވެ.

އޭގެ ތެރެއިން ފުރަތަމަ މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ އިއްވާފައެވެ. އެގޮތުން ޝަމްއާންގެ ވަކީލު ވިދާޅުވީ، އޭނާގެ ހައްޔަރު އިޖުރާއަތާއި، ބަންދުގެ މުއްދަތު އިތުރުކުރުން ކުރިއަށް ގެންގޮސްފައިވަނީވެސް ކޮރަޕްޝަންގެ ކުށްތަކެއްގެ ތުހުމަތުގައި އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.

އެހެންކަމުން އެ އަމުރަކީ ތަހުގީގީ ދެ އިދާރާއެއްގެ އިޙްތިސާސް ހިނގާ މައްސަލަތަކުގައި ޚާއްސަ އިހްތިސާސް އޮތް އިދާރާއަށް ތަހުވީލު ކުރުން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމުގެ އުސޫލާ ޚިލާފު އަމުރެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި މައްސަލައިގައި މިހާރު ނިންމާފައިމިވާ ގޮތަށް ބަލާއިރު، ޝަމްއާން ވަހީދު ބަންދުގައި ބެހެއްޓުމަށް ހެކި ވަޒަން ކުރުމުގައި ކޮރަޕްޝަންގެ ކުށްތަކުގެ ބައި އެއްކައިރިކުރެވެންޖެހޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ލިބިފައިވާ ހެކި ޤަރީނާ ވަޒަން ކުރެވެންޖެހޭނީ ހަމައެކަނި މަނީ ލޯންޑަރިން ގެ ތުހުމަތަށް ފޯކަސް ކުރެވިގެންކަމަށް ދެކޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ސަބަބަކީ އެ އަމުރު ސައްޙަކަމަށް އޭރު ކަނޑައަޅާފައިވަނީ މަނީލޯންޑަރިންގ ގެ ކުށުގެ ތުހުމަތު ބެލުމުގެ އިޙްތިސާސް ފުލުހުންނަށް އޮންނާތީ އެ ސަބަބަށް އެކަނި ރިއާޔަތްކޮށްގެންކަމަށްވާތީއެވެ.

ކޯޓު އަމުރަށް ބަލާއިރު، އޭރު ޝަމްއާން 15 ދުވަހަށް ބަންދުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައެވެ. އެހެންނަމަވެސް އެގޮތަށް ނިންމުމުގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް މިންވަރާ ގުޅޭ އުސޫލު ތަތުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްވެސް އޭނާގެ ފަރާތުން ހައިކޯޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޝަމްއާންއާމެދު އަޅާފައިވާ ފިޔަވަޅުތައް ހާމައަށް އެންމެންނަށް އެނގެން ހުރި ވަރަށް ގިނަ ކަންކަމާ ކަނޑައެޅިގެން ތަފާތުކަމަށްވެސް އޭނާގެ ފަރާތުން ކޯޓުގައި ފާހަގަކުރައްވާފައިވެއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއްގައި ކުރިއަށްދާނީ ދެވަނަ އަމުރާ ގުޅޭ ބައެވެ.

ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ އޭނާގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، އެ ރެއިޑުން ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530,000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދޫކޮށްލެވުނީ ޝަމްއާންގެ އެންގުމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުން އެ ބިދޭސީއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.

މީގެއިތުރުން، ފުލުހުން ޝަމްއާންގެ އެޕާޓްމަންޓް ބަލައި ފާސްކުރުމުން ބައި މިލިއަނެއްހާ ރުފިޔާއާއި ޑޮލަރު އަދި އިލެކްޓްރޯނިކް ސާމާނު ވެސް ފެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ފުރުން މަނާކުރުމުގެ އަމުރެއް ވެސް ކޯޓުން ނެރެފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: