މިނިވަން މުސްތަގިއްލު ގައުމެއްކަމަށްވާނަމަ، އަސްކަރީ ގޮތުން ގާބިލުކަން އިތުރު ކުރުމަކީ ކުރަން ޖެހޭކަމެއްކަމަށް ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައެވެ.
ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އުފެދޭނީ ގައުމުގެ މިނިވަންކަން ހިމާޔަތްވެގެންކަމަށާއި، އަމާން މުޖުތަމައުއެއް ބިނާވެފައި އޮތުމަކީވެސް މުހިންމުކަމެއްކަމަށް ގައްސާން ވިދާޅުވިއެވެ.
މި ވެރިކަމުގައި ހޭދަވި ކުރު މުއްދަތުގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ގައްސާން ވިދާޅުވިއެވެ. އެގޮތުން އެއާ ކޯ އެއް އުފައްދައި ޑްރޯން ގެނައުން ގައްސާން ފާހަގަކުރެއްވިއެވެ. އަދި އެމްއެންޑީއެފްގެ މެރިން ކޯއަށް ގެނައި އަސްކަރީ ވެހިކަލްތައްވެސް ގައްސާން ފާހަގަކުރެއްވިއެވެ.
މިއީ މިނިވަން ގައުމުތަކުން ކުރަން ޖެހޭކަމެއްކަމަށް އޭނާ ވިދާޅުވިއވެެ. އަދި އިގްތިސާދީ ނަޒަރުން ވިސްނާލި ނަމަވެސް މިއީ މުހިންމު ކަންތައްތަކެއްކަމަށް ވިދާޅުވިއެވެ.
މިނިވަންކަން ހިމާޔަތްވެފައި އޮތުން، އަމާން މުޖުތަމައުއެއް ގާއިމުވެފައި އޮތުން، މިއީ އިގުތިސާދީ ގޮތުން ފިކުރު ކޮށްލި ކަމުގައިވިޔަސް، ގައުމުތަކާ މެދު އިންވެސްޓަރުންގެ ކޮންފިޑެންސް ނުވަތަ ޔަގީންކަން ކަށަވަރު ކޮށްދޭ އެއް ހަގީގަތް.
ގައްސާން ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރު ތެރޭގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ސީދާ އަސަރު ކުރާފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ގައުމުގެ އިސްވެރިންނަށް ފަސޭހަކަމާާއެކު ދީފައިވަނީ، ގައުމަށްވުރެ އެހެން ކަންކަން އިސް ކުރުމުގެ ސަބަބުންކަމަށެވެ. އެގޮތުން އެހެން ސަރުކާރުތަކުން އިހުމާލުވެފައިވާކަމަށް ވިދާޅުވިއެވެ.
ލެއާ ފުރާނައިން ގުރުބާންވެގެން، މިނިވަންކަން ހިމާުޔަތް ކުރުމުގެ ފަހުރުވެރި ތާރީހެއް އޮތް ގައުމެއް، އެހެން ނަަމަވެސް ދިވެހިންނަކީ އެއްވެސް ޒަމާނެއްގައި އިސްވެ އެއްވެސް ބަޔަކާއި ހަނގުރާމަ ކުރި ބައެއް ނޫން، އަދި ކުރާނެ ބައެއްވެސް ނޫން، މިއީ މިއަދުގެވެސް ސިޔާސަތު.
ފާއިތުވި 15 އަހަރު ތެރޭގައި އިޖާބަ ނުދީ އިހުމާލުވެފައި ހުރި ކަންކަން ފުރިހަމަ ކުރުން މި ސަރުކާރުން ކުރަމުން ގެންދާކަމަށް ގައްސާން ވިދާޅުވިއެވެ.

