ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުޒަމް އަބްދުލްޝަކޫރާއި ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ. އެ 3 މީހުންގެ ބައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ބުރާސްފަތި ދުވަހު ކުރިއަށްދިޔައީ ޙަސަން ފަވާޒްގެ ބައެވެ.
ބުރާސްފަތި ދުވަހުގެ މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޙަސަން ފަވާޒުގެ ވަކީލު ވިދާޅުވީ، އޭނާއަކީ ކަރެކްޝަންގެ ދަށުން މިވަގުތު ބަލަހައްޓަމުންދާ ހަމައެކަނި ތެލަސީމިއާ ޕޭޝަންޓުކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
އޭނާގެ ފަރުވާގެ ކަންކަމުގައި ތަފާތު އެކި ބާވަތުގެ ގޮންޖެހުންތައް ހުރިކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ، އޭނާއަކީ ކޮންމެ މަހެއްގައިވެސް ވަކި ދުވަހެއްގައި ލޭ އަޅަންޖެހޭ މީހެއް ކަމަށާއި، ބައެއް ފަހަރު 10 ދުވަހަށްވުރެ ދިގު މުއްދަތެއްވެސް ލޭ ނުއެޅި ދާ ކަމަށެވެ. އަދި ކެއުމާއި، އިތުރު ކަންކަމުގައިވެސް ގޮންޖެހުންތައް ކުރިމަތިވާކަމަށް ވަކީލު ވިދާޅުވިއެވެ.
ކަރެކްޝަންސްއިންވެސް ނުބަލާ ވާހަކައެއް ނޫން، ނަމަވެސް ގިނަ މަސްތަކުގައި ކަރެކްޝަންސްއިންވެސް ލޭ ނުލިބިގެން ހަސަން ފަވާޒުގެ ބައްޕައަށްވެސް ގުޅާ، ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ކަމެއް ދިމާވުމުގެ ފުރުސަތު އެބައޮތް މިހެން ލޭ އެޅުން މިހާބޮޑަށް ލަސްވަމުންދާނަމަ،
ވަކީލު ވިދާޅުވީ، އޭނާގެ ފުރާނައަށް ނުރައްކާވުމުގެ ޙާލަތުވެސް ބޮޑު ކަމަށާއި، ކަރެކްޝަންސްއާއި އާއިލާއިންވެސް ލޭ އެޅުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ފަހަރު އަންނަ ކަމަށެވެ.
އޭނާއަކީ މިހާ ޙައްސާސް ޙާލަތެއް ހުރި ފަރާތެއްކަމަށްވާއިރު، އަދި މި ދުވަސްވަރަކީ ތެލަސީމިއާގެ ފަރުވާގެ ގޮންޖެހުންތައް ހުރި ދުވަސްވަރެއްކަން ޚަބަރުތަކުންވެސް އެނގިގެންދާއިރު، ބަންދުގައި ހުރި މީހަކަށް އެ ތަކުލީފުތައް މާ ބޮޑުވާނެކަމަށް ވަކީލު ވިދާޅުވިއެވެ.
އެހެންކަމުން ވަކީލު ވަނީ އެކަންކަން ޝަރީއަތުގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެކަންކަމުގެ ސައްޙަ މައުލޫމާތު ކަރެކްޝަންސް މެދުވެރިކޮށް ޝަރީއަތުންވެސް ހޯދުމަށް ދިފާއުން ވަނީ އެދިލައްވާފައެވެ.
މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޙަސަން ފަވާޒުގެ ބަލި ޙާލަތާ ގުޅޭ ކަންކަން ކަރެކްޝަންސްއިން ދައުލަތާ ހިއްސާކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ސިއްޙީ ފަރުވާއަށް ކަރެކްޝަންސްއިންވެސް ސަމާލުކަން ދެމުންދާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މިކަން ހިނގާ ގޮތް ކަރެކްޝަންސް މެދުވެރިކޮށް ސާފު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޝަރީއަތަށްވެސް ޤަބޫލު ކުރެވޭ ކަމަށެވެ. އެކަންކަން ޝަރީއަތުން ކުރިއަށް ގެންދަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

