ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ކުރިމަތިވެދާނެ ކާރިސާތަކާއި އިމަޖަންސީތަކުން އަރައިގަތުމަށް ގައިޑްފޮތްތަކެއް ތައާރަފްކޮށްފިއެވެ.
އެންވައިރޮމެންޓުން ބުނެފައިވަނީ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރެވިފައި ވާކަމަށާއި އެގޮތުން ރާއްޖޭގެ އާބާދީގެ 91 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅޭ 133 ރަށެއްގައި ފެނުގެ ނިޒާމާއި، 93 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅޭ 144 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމްކުރެވިފައިވާ ކަމަށެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާބެހޭ އާންމު ގަވާއިދުގެ ދަށުން، މި ނިޒާމުތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުއްލި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް މި ޕްލޭން ތައްޔާރުކުރުމަށް އެހީތެރިވުމުގެ ގޮތުން، މިނިސްޓްރީއިން ޑަބްލިއު.އެޗް.އޯ ގެ އެހީގައި ޚާއްޞަ ގައިޑްފޮތަކާއި ޓެމްޕްލޭޓްތަކެއް ތައްޔާރުކޮށްފައި ވާކަމަށް ވަނީ މައުލޫމާތު ދީފައެވެ.
މިއީ ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ކުރިމަތިވެދާނެ ކާރިސާތަކާއި އިމަޖަންސީތަކުން އަރައިގަތުމަށް ބޭނުންވާ އިމަޖަންސީ ޕްލޭން ތައްޔާރުކުރުމަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވޭ މިބާވަތުގެ ފުރަތަމަ ގައިޑްފޮތް ކަމަށް އެންވައިރޮމެންޓުން ވަނީ ބުނެފައެވެ. މި ގައިޑްފޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެދާނެ ކުއްލި ހާލަތެއް ނުވަތަ ކާރިސާއަކަށް ތައްޔާރުވެ ތިބުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމާއި، ފެނާއި ނަރުދަމާގެ ނިޒާމަށް ކުރިމަތިވެދާނެ ހިރާސްތައް ވަޒަންކުރުމާއި، އެކަމަށް އެކަށީގެންވާ އިސްލާހީ ފިޔަވަޅުތައް ދެނެގަތުން ހިމެނިފައިވާކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން، ކުއްލި ހާލަތެއް ނުވަތަ ކާރިސާއެއް ކުރިމަތިވުމުން އިޖާބަދޭނެ ގޮތާއި، އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ވެސް ވަނީ އެކުލަވާލައިފައެވެ. މިސާލަކަށް ފެނުގެ ކުއަލިޓީއާއި ގުޅޭ މައްސަލަތަކާއި، ނަޖިސްފެން ލީކުވުމާއި، އުދައެރުން، ފެންބޮޑުވުން ފަދަ ކާރިސާތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގެއްލުން ލިބުން ފަދަ ހާލަތްތަކަށް މި ޕްލޭންގައި އަލިއަޅުވާލެވޭނެއެވެ. އަދި މި ޕްލޭންގެ ސަބަބުން ޢާންމު ޞިއްޙަތު ރައްކާތެރިކަން ކަށަވަރުވެ، ފެނުގެ ކުއަލިޓީ ކަށަވަރު ކުރެވި، ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރާނެ ގޮތްތަކާއި، ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރާނެ ގޮތްތަކާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ އަރައްކާތަކާއި ހާދިސާތަކުގެ ހިރާސް މެނޭޖްކުރެވިގެންދާނެއެވެ.
މި ގައިޑްފޮތާއި އެކު ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ކުރިމަތިވެދާނެ އިމަޖަންސީތަކުގައި ޢަމަލު ކުރާނެ ގޮތްތައް ކަނޑައަޅާ ޕްލޭންތައް ޔުޓިލިޓީތަކުން އެކުލަވާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މި ގައިޑްފޮތުގެ އެހީގައި ޔުޓިލިޓީތަކުން ތައްޔާރުކުރާ އިމަޖަންސީ ޕްލޭންތައް ވެގެންދާނީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޕްލޭންއަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

