އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ފަށާފައިވާ ޕެޓިޝަނުގައި މިހާތަނަށް 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން އޭނާއާ އެކު އެ ވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21) ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް 5 ދުވަސް ކޯޓުން ޖަހާފައިވާއިރު މި މައްސަލައިގައި ފުލުހުން އިހުމާލުވަމުން ދާކަމަށް ބުނެ ދަނީ އިހުތިޖާޖުކުރަމުންނެވެ. އޮންލައިންކޮށް ސޮއިކުރަމުންދާ ޕެޓިޝަންގައި ހަވީރާއި ހަމައަށް 7،021 މީހަކު ސޮއިކޮށްފައިވެއެވެ. މި އަދަދު އަދިވެސް އިތުރުވަމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ.
ޕެޓިޝަނުގައި ގޮވާލާފައިވަނީ ތަހުގީގުގެ ހުރިހާ ހޯދުންތަކެއް އާންމު ކުރުމަށާއި ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް އެކުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން މި މައްސަލަ ގާތުން ބެލުމަށް ވެސް ގޮވާލާފައިވެއެވެ. ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށާއި ހަމަހަމަކަމާއި އިންސާފުވެރި ދައުލަތެއް ގާއިމްކުރަން ގޮވާލައި ޒުވާނުން ފަށާފައިވާ ސިލްސިލާ މުޒާހަރާ ތިން ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މީގެއިތުރުން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ހާމަނުކުރާ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެއީ ހުކުރު ދުވަހު އިމާރާތެއްގެ މަތީން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއި ރައުދުގެ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ރައުދު ބުނެފައިވާކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ. ކޯޓު އަމުރުގައި ވާގޮތުގައި، ފުލުހުންގެ އައިއޯ ބުނެފައި ވަނީ އެ ރޭ ޔުމްނާއި ރައުދާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.

