ހައްވާ ޔުމްނު ރަޝީދު މާލޭގައި ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާގެ ތަހުގީގު ނުނިމެނީސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަކި ގޮތެއް ނިންމައިގެން ނުވާނެކަމަށް ޑިމޮކްރެޓްސް ޕާޓީގެ ރައީސް އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގައި ޒިންމާ ނަގަން ޖެހޭނީ މީގެ އަހަރުތަކެއް ކުރިން ބިރަކާ ނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓު ކުރި މީހުންކަމަށް ރައީސް މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވަނީ ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިމްތިޔާޒު ފަހުމީ ވިދާޅުވީ ހިނގައިގެން މި އުޅެނީ ވަރަށް ވުރެ ހައްސާސް މައްސަލައެއް ކަމަށާއި، ނަމަވެސް ރައީސް މުއިއްޒު އެ ހާދިސާ ސިޔާސީ ކުރައްވައި ވާހަކަފުޅު ދެއްކެވުން ކުށްވެރިކުރައްވާ ކަމަށެވެ.
އެ ވާހަކަފުޅާއެކު އިތުރު ކަންބޮޑުވުންތަކެއް އުފެދުން ނޫންކަމެއް ނުވާކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ. އަދި އެއީ ނުހަނު ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދެއްކެވި ވާހަކަފުޅެއް ކަމަށާއި، އެ ވާހަކަފުޅުގެ ނިޔަތް ރަނގަޅު ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި އަދި ނިޔަތް ރަނގަޅު ނޫން ގޮތެއްގައި ދެއްކެވި ވާހަކަފުޅެއް
މީގެ އިތުރުން، އެ ވާހަކަފުޅަކީ އޭގެ ޒާތުގައި މި މުޅި މައްސަލައިގެ ތަހުގީގަށްވެސް ހުރަސް އެޅި، ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ޒާތުގެ ވާހަކަފުޅެއްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ތަހުގީގާމެދު އާންމުންގެ މެދުގައި އެތައް ސުވާލުތަކެއް އުފެދުމުގެ ޖާގަވެސް ހުޅުވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ އޭރު އެމްޑީޕީން އެ ޝިއާރުތައް އާންމުކުރި ހަގީގީ މަފްހޫމުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެއީ ޒުވާނުންނާއި އެންމެނަށް ވެސް ބާރުވެރިކަން ކަށަވަރު ކުރުމުގެ މަޤްސަދުގައި ހުށަހެޅިގެން ދިޔަ ޝިއާރުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ޔުމްނު ރަޝީދު ވެއްޓުނު ޙާދިސާއަށް އަލިއަޅުވާލައްވާ އިމްތިޔާޒް ވިދާޅުވީ، ތަހުގީގުގައި ބަލަން ޖެހޭ ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށާއި، އެހެންކަމުން ވަކި ކޮޅަކަށް ގޮތް ނިންމުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ފާހަގަވާ ކަމަށެވެ. ވަކިން ޚާއްސަކޮށް ޔުމްނު ވެއްޓުމުގައި އެއްވެސް މީހެއްގެ ބައިވެރިވުން އޮތްކަމަށް ނުބެލެވޭކަމަށް ތަހުގީގުގެ ވަރަށް ޅަފަތުގައި ފުލުހުން ހާމަކޮށްފައިވާތީ އެ ކަންބޮޑުވުން އޭނާ ހިއްސާކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އަމަލުކޮށްފައިވަނީ މިފަދަ އެހެން މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ މި ކަމާ ގުޅިގެން ޒުވާނުންނާއި އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

