ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މި އަޑުއެހުން ތާވަލުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:30 އަށެވެ.
މި މައްސަލައިގައި މިހާރު ޝަރީއަތުން ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތް ނިންމަވާފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.
ދިފާއުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅީ މި މައްސަލައިގައި އުފުލާފައިވާ ދައުވާ ކުރިއަށް ނުގެންދެވެނެކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.
އެހެންނަމަވެސް އެ ހުށަހެޅުމާ ގުޅިގެން ޝަރީއަތުން ނިންމާފައިވަނީ މި މައްސަލައިގެ ދައުވާ މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ފަދަ ސަބަބުތަކެއް ދިފާއަށް ދެއްކިފައިނުވާ ކަމަށެވެ. އެގޮތުން ބައްސާމްގެ ފަރާތުން ބުނެފައިވަނީ އޭނާއަށް ލިބިފައިވާ ފައިސާއަކީ އޭނާގެ މުސާރަ ކަމަށާއި، އެއީ ހިޔާނާތުގެ ފައިސާއެއް ނޫން ކަމަށެވެ. އެހެންކަމުން ދައުވާތައް ބޭރުކޮށްދިނުމަށް ބައްސާމްގެ ފަރާތުން ވަނީ އެދިފައެވެ.
އެހެންނަމަވެސް އެ ހުށަހެޅުން ބަލައިނުގަތުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ޝަރީއަތުން ފާހަގަކުރީ އެ ފައިސާއަކީ ބައްސާމްގެ މުސާރައިގެ ފައިސާ ނޫންކަމަށް ސާބިތުކޮށްދިނުމަށްޓަކައި ދައުލަތުން ހެކި ހުށަހަޅާފައިވާތީ އެ ހެކިންގެ ހެކިބަސްތައް ނެގުމަށްފަހު މައްސަލައިގެ މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅަން ޖެހޭނެކަމަށެވެ.
ޝަރީއަތުން ވަނީ މި މައްސަލައިގެ ދައުވާތައް އިބްތިދާއީ ގޮތުން ބޭރުކޮށްލެވޭނެ ޙާލަތެއް ދިފާއަށް ދެއްކިފައި ނެތްކަމަށް ކަނޑައަޅުއްވާފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ދިފާއީ ހެކިންގެ ތަފްސީލުތައް ހިމެނޭ ބަޔާނެއް ހުށަހެޅުމަށް ޝަރީއަތުން ވަނީ ދިފާއަށް ފުރުސަތެއްވެސް ދެއްވާފައެވެ.
މި މައްސަލައިގައި ކުރިން ތަޙުޤީޤު ކުރެވިފައިވާ ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކުރުމަށް 21 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އޭގެ ފަހުން އައު ދައުވާތަކެއް އަނެއްކާވެސް ކޯޓަށް ހުށަހެޅިއެވެ.
ޕީޖީން ހުށަހެޅި އައު ދައުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. އެ ދައުވާ އުފުލާފައިވަނީ ބައްސާމު އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އޭނާގެ މައްޗަށް ދެން ހުށަހަޅާފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ އެ އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަންއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާތީ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
މި ކުށުގެ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ދިފާއީ ވަކީލު ވިދާޅުވީ، ބައްސާމްއަށް ކުރާ ދައުވާތަކަށް އޭނާ ޖުމުލަކޮށް އިންކާރު ކުރާ ކަމަށާއި، އެ ދައުވާތަކުގައި ހިމަނާފައިވާ ކަންކަމަކީ ބައްސާމް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

