އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތު ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީއާއި ހަވާލު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއާ ހަވާލުކޮށްފި އެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ވަގުތެއްގައި ހެންވޭރުގައި ހުރ ގެއެއްގެ ފެންލައިޓަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގު ދާގޮތާއި މެދު ފުލުހުންނަށް ވަނީ ބޮޑެތި ފާޑުކިއުން އަމާޒުވެފަ އެވެ. މައުލޫމާތުތައް ނުދީ ހިފެހެއްޓުމާއި ނުފޫޒުގެ ވާހަަކަ ދެކެވިފައި ވަނިމޮށް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު ވަނީ މިރޭ އިސްތިއުފާ ދީފައެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ހިންގުން ހޯމް މިނިސްޓަަރު އަލީ އިހްސާން ފުރަތަމަ ހަވާލުކުރެއްވީ ޑީސީޕީ ފަރުހާދުއާ އެވެ. އަދި އެކަން ހާމަކޮށް ޕޯސްޓެއް ވެސް ކުރެއްވި އެވެ.
އެކަމަކު އޭގެ ގަޑިއިރެއް ނުވަނީސް އިހުސާން އަނެއްކާވެސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުން ބަދަލުކޮށް، ޑީސީޕީ ނަވީންއާ ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ.
ސަބަބެއްކަމަށް ވިދާޅުވީ ފުލުހުންގެ މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ޔުމްނު ވެއްޓުނު މައްސަލާގެ ތަހުގީގު ކަމަށްވުމުންނާއި އެ ތަހުގީގުގައި އިސްކޮށް ހުންނެވީ ނަވީން ކަމަށްވާތީ އެވެ.

