އިންސާފު ގާއިމުކުރުމާއި ގާނޫނީ ބާރުވެރިކަން ދެމެހެއްޓުމުގައި އެއްވެސް މީހަކާއިމެދު ތަފާތުކޮށް އަމަލު ނުކުރައްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި އިންޓަރވިއުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، މިއީ މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއްކަމަށެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަގީންކުރައްވާކަމަށާއި މިހާރުވެސް ރާއްޖެއާއި މެލޭޝިއާގެ ދެމެދު ވަރަށް ބޮޑަށް ގާތްކަން އޮންނައިރު އިތުރަށް ބަދަހިވެގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިވަގުތު އެންމެ ގިނައިން ދިވެހިން ދިރިއުޅެމުންދަނީ މެލޭޝިއާގައިކަމަށެވެ. އެހެންކަމުން މި ދަތުުރުގެ ސަބަބުން އެ ގައުމުގައި އުޅޭ ރާއްޖޭގެ ރައްޔިތުންނަށް އިތުރު ކަންތައްތަކެއް ފަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމަށާއި މި ދަތުުރުގެ ތެރެއިން އެ އަމާޒުގައި މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައްވެސް ކުރެވިގެންދާނެއިރު ދެ ގައުމުގެ ގުޅުމަށް ބަލާއިރު މިއީ ކާމިޔާބު ދަތުރަކަށް ވެގެންދާނެކަމަށް އުންމީދުކުރެއްވޭކަންވެސް ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ބިޒްނަސް ފޯރަމެއް ބޭއްވުމަށް ކަނޑައެޅިފައިވާކަމަށާއި އިންވެސްޓުމެންޓުގެ ކަންކަމާއި ގުޅޭ މައުލޫމާތު މި ފޯރަމްގެ ތެރޭގައި ބައިވެރިންނާއި ހިއްސާކުރެވިގެންދާނެކަމަށެވެ. އެހެންކަމުން މިއީ ވިޔަފާރިއާއި އިންވެސްޓްމެންޓަށް ދޮރުތަކެއް ހުޅިވިގެންދާ ދަތުރަކަށް ވެގެންދާނެކަމަށާއި މި ދަތުރުގެ ތެރެއިން ދިވެހިންނާއި ބައްދަލުކުރެއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާއިރު މެލޭޝިއާގެ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއިތައް ހޯދުމަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުންވެސް ވާހަކަތައް ދެކެވިގެންދާނެކަމަށް މައުލޫމާތު ދެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތްތައް ފެށުމަށްވެސް ކަނޑައެޅިފައިވާކަމަށާއި ދިވެހި ކޮމިއުނިޓީއަށް ފަސޭހަކުރުމަށްޓަކައި ކުރެވޭ ކަންކަން ކުރިއަށް ގެންދަވާނެކަމަށެވެ. ރައީސް ވިދާޅުވީ، މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރާ ސަރުކާރެއްކަމަަށެވެ. އަދި އެއްވެސް ރައްޔިތަކާއި ދެމެދު ތަފާތުކުރުންތައް ނުގެންގުޅުއްވާނެކަމުގެ ޔަގީންކަން ދެއްވިއިރު އެއީ އެމަނިކުފާނު ގެންގުޅުއްވާ އުސޫލެއް ނޫންކަންވެސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ހިނގައިގެން އުޅޭ ހާދިސާގައިވެސް ފުރަތަމަ ދުވަހުން ފެށިގެންވެސް ގެންގުޅެމުން އައިސްފައިވާނީ ކަމުގެ ހަގީގަތް ހޯދައި އިންސާފު ގާއިމުކޮށްދިނުމުގެ އުސޫލުކަަމަށެވެ. ރައީސް ވިދާޅުވީ، އެއްވެސް މީހަކުގެ ކަންކަން ފޮރުވައިދުން ފަދަ ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށެވެ. އަދި ހަގީގަތް އޮޅުވާލަމުންދާކަމަށް ބުނެ ސީރިއަސް ކަންބޮޑުވުންތަކެއް ޒުވާނުން ފާޅުކުރަމުންދާއިރު އެކަންކަން އަޑުއެހުން މުހިންމުކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މުޒާހަރާތައް ފެށިގެން އައީ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރެގެންކަމަށް ގަބޫލުކުރައްވާކަަމަށާއި އަބަދުވެސް އިންސާފު ގާއިމުކޮށްދިނުމަަށާއި ކުށްކުރި ފަރާތެއްގެ މައްޗަށް ގާނޫނީ އިމުގެ ތެރެއިން އޮންނަ ގޮތަކަށް ފިޔަވަޅުތައް އެޅުން އިސްކުރައްވާކަމަށެވެ. އަދި ރޫލް އޮފް ލޯ ދަމަހައްޓައި އިންސާފު ގާއިމުކުރުމުގައި އެއްވެސް ފަރާތަކާއިމެދު ތަފާތުކޮށް އަމަލުކުރައްވާނެކަން ތަކުރާރު ކުރެއްވިއެވެ.

