ހ. ފެންޓެނޯއީ ގޭގެ ނުވަނަ ފަންގިފިލާގެ ފެންލައިޓަކުން، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް ދެ ގެއެއް ބަލައި ފާސްކުރިއިރު މައްސަލައާއި ގުޅުން ހުރި އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 18 ވަނަ ދުވަހު ހިނގި އެ ހާދިސާގައި، އުމުރުން 21 އަހަރުގެ ޔުމްނުއަށް ސީރިއަސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު އާއިލާއިން ބޭނުންވެގެން އިތުރު ފަރުވާއަށް އޭނާ މެލޭޝިއާއަށް ވަނީ ގެންގޮސްފަ އެވެ.
ޔުމްނު ވެއްޓުނު ރޭ 09 މީހުންގެ ގުރޫޕަކުން ދިޔަކަމަށް ބުނާ ދެ ގެއެއް ބަލައިފާސްކޮށްފައި ވަނީ ހާދިސާ ހިނގިތާ ހަފްތާއެއް ފަހުންނެވެ. ނޫސްވެރިން ވަނީ އެ ގެތައް ބަލައި ފާސްކުރުން ލަސްވާތީވެ ހެކި ނުލިބުމުގެ ފުރުސަތު އޮތްކަން އެންމެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފަ އެވެ.
މިކަމާއި ގުޅޭގޮތުން ”ސަންގު“ އިން މިއަދު ފުލުހުންނާއި ސުވާލު ކުރުމުން ބުނީ މައްސަލައިގައި ބަލައި ފާސްކުރީ ދެ ތަނެއްކަމަށެވެ. އަދި އެތަނުން ހާދިސާއާއި ގުޅުން ހުރި އެއްވެސް ހެއްކެއް ނުވަތަ އެއްޗެއް ފެނިފައި ނުވާކަމަށް އޮފިޝަލް މައުލޫމާތު ދިނެވެ.
މައްސަލައިގައި ސުވާލު އުފެދޭ އެތައްކަމެއް ހުރުމާއި އެކު، ފުލުހުންގެ ތަހުގީގާއި މެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އަދި މައްސަލަ ފެށިގެން އަންނަ ދެ ގެ ގެއާއި ގުޅުން ހުރި އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ، އެ ވަގުތު އޭނައާއި އެކު ހުރި ރައުދު އަހުމަދު ޒިލާލް ހުރީ ފުލުހުންގެ ބަންދުގަ އެވެ. އަދި އޭގެ ކުރިން އެހެން ދެ ގެއެއްގައި ދެ މީހުންނާއި އެކު އުޅުނު މީހުންގެ ވަނަވަރާއި ފޮޓޯތައް އާންމުކޮށް އެ މީހުންގެ ޕާސްޕޯޓާއި ފޯނު ވަނީ ހިފަހައްޓާފަ އެވެ.

