ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކިއްޔާ މަރުގެ މައްސަލަ: އާއިލާގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތައް ބަލަން ޕީޖީން ފުލުހަށް ފޮނުވައިފި

ހޮޅުދޫ ރައްޔިތުން މުޒާހަރާ ކުރަނީ.-- ފޮޓޯ: ހަޒާ ހަޒާ / ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ހޮޅުދޫގައި ޒަހަމްތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގުތަކާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް އާއިލާގެ ފަރާތުން ފޮނުވާފައިވާ ސިޓީގެ ކަންކަން ބަލަމުންދާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާއިލާއަށް އަންގައިފި އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން ގެންދާ ތަހުގީގުގައި ކަންބޮޑުވުންތައް ހުރުމުން އާއިލާގެ ފަރާތުން އެކަން ޝަކުވާއެއްގެ ގޮތުގައި ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

އާއިލާގެ ފަރާތުން ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގައި ހިނގި އެ ހާދިސާގެ ހަގީގަތް ހޯދުމަށް މިހާތަނަށް ވެސް ފުލުހުންގެ ފަރާތުން އެކަށީގެންވާ ތަހުގީގެއް ހިންގާފައިވާކަމަށް ނުދެކޭކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ފުލުހުން ހަދާފައި ހުރި ގޯސްތަކަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވެސް އެއްބަސްވެވަޑައިގެން، އެކަން ފާހަގަކުރެއްވިކަމަށެވެ. އެގޮތުން އޮޓޮޕްސީ ނަހަދައި ދޫކޮށްލުން އެއީ ހެދުނު ގޯހެއްކަމަށް މިނިސްޓަރ ގަބޫލު ކުރައްވާކަމަށް ވެއެވެ.

އާއިލާއިން ބުނީ އޮޓޮޕްސީ ހެދުމަށް ފުލުހުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގަސްތުކޮށްފައި ނުވާކަމަށެވެ. އަދި ހާދިސާ ހިނގިތާ 7 މަސް ވަނިކޮށް ވާޗުއަލް އޮޓޮޕްސީއެއް ހެދިކަމަށް ބުނެ މީޑިއާތަކަށް ދިން މައުލޫމާތުތަކަށް ކަންބޮޑުވާކަމަށް ވަނީ ބުނެފަ އެވެ.

އެހެންކަމުން ޒަހަމްތަކާއި އެކު އޮތް ޒަކިއްޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޮޓޮޕްސީއެއް ހަދާފައި ނުވާއިރު ކުއްލިއަކަށް ވާޗުއަލް އޮޓޮޕްސީއެއްގެ ވާހަކަ އާއިލާއަށް ވެސް ނޭނގި ދެކެވުނީ ކިހިނެއްތޯ ސުވާލު އުފެއްދި އެވެ.

އެހެންވެ އާއިލާއިން އެދުނީ ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާނަމަ އޭގެ ކޮޕީ ހިއްސާ ކުރުމަށެވެ. އަދި ކޮޕީއެއް ހިއްސާ ކުރެވެން ނެތް ނަމަ ކަމާއި ގުޅޭ ފަންނީ ބޭފުޅަކާއި އެކު ރިޕޯޓު ދިރާސާ ކުރުމަށް ހޯމް މިނިސްޓްރީ ނުވަތަ ފުލުހުން ކަނޑައަޅާ ތަނެއްގައި ކަނޑައަޅާ ގޮތެއްގައި މަތީން ބަލައި ދިރާސާ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ. އަދި ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށް ގަސްތު ކުރި ތާރީހާއި، ރާއްޖެއިން ބޭރުގެ ޑޮކްޓަރުންގެ ލަފައާއި މަޝްވަރާ ހޯދިތޯ ސާފުކޮށްދިނުމަށެވެ.

މީގެއިތުރުން އޮޓޮޕްސީ ހެދުމުގައި އިހުމާލުވި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައިވޭތޯއާއި އެކަމުގެ ތަފްސީލު ދިނުމަށް ވެސް އެދިފައި ވެއެވެ.

ޓްރެޑިޝަނަލް އޮޓޮޕްސީއެއް ހެދިޔަސް ނުވަތަ ވާޗުއަލް އޮޓޮޕްސީއެއްވިޔަސް އިންސާނަކު އޭނާގެ ކަރުގެ ވާތް ފަރާތުގައި އަމިއްލަ އަށް 3 ފަހަރު ވަޅި އަޅައި، އަދި ކަނާތް ފަރާތުގައި 2 ފަހަރު ވަޅި އަޅައިގެން އަމިއްލަ އަށް މަރުވެދާނެ ކަމަށް ދެކުމަކީ ޤަބޫލުކުރަން ދަތި ކަމެއްކަމަށް ވަކީލު ނެރެނުނު ބަޔާނުން ފާހަގަވެއެވެ. އެހެންކަމުން މި މައްސަލައިގެ ޙަޤީޤަތް ބެލުމަށްޓަކައި އަދި މިނިވަން 3 ވަނަ ފަރާތެއް މެދުވެރިކޮށް ފުލުހުންގެ ފަރާތުން ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށް ބުނާނަމަ އެ ރިޕޯޓަށް ބެލުމަށްފަހު އަލުން އެކަން ދެނެގަތުމުގެ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

މި ބަޔާނުގައި އިތުރަށް ވަކީލު ފާހަގަކޮށްފައިވަނީ މައްޔިތާ ވަޅުލުމަށްފަހުވެސް ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓްޕްސީ ހެދުމަކީ ދުނިޔޭގައި ކުރާ ކަމެއްކަމަށެވެ. އަދި އެއީ ރާއްޖޭގައިވެސް އާ ކަމެއްނޫން ކަމަށާއި އެހެންކަމުން ހަށިގަނޑު އަލުން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމާއި ގުޅޭގޮތުންނާއި އެ އިޖުރާއަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭނުންވާކަން ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

މި ސިޓީއާއި ގުޅޭގޮތުން ޕީޖީ އޮފީހުން މިއަދު ފޮނުވި ޖަވާބުގައި ބުނީ ސިޓީގައިވާ ކަންކަން ބެލުމަށްޓަކައި ފުލުހުންނަށް ފޮނުވާފައިވާކަމަށެވެ. އަދި ސިޓީގެ ޖަވާބު ލިބުމުން، ޕީޖީން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ޖަވާބެއް ދޭނެކަމަށް ވަނީ ބުނެފަ އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި ޢަމަލުކުރަމުންދާ ގޮތުގެ ކަންބޮޑުވުން މީގެ ކުރީގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ސަމާލުކަމަށް އާއިލާގެ ފަރާތުން ގެނެސްފައި ވެއެވެ.

އާއިލާއިން ވަނީ ދިރިހުރުމުގެ ހައްގަކީ ގާޤާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގަކަށްވެފައި، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގެ ދަށުން ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސިކުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއްކަން ފާހަގަކޮށްފަ އެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ އަމަންއަމާންކަން ގާއިމްކުރުމަކީ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ސަލާމަތީ ހިދުމަތްތަކުން ކުރަންޖެހޭ މަސައްކަތަކަށް ވާތީ، މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ކޮށްދެއްވުމަށް ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: