ރ. ފުއްގިރި މައްސަލައިގައި ރިޝްވަތު ދިނުމުގެ ދައުވާކުރި އަހުމަދު ކްރިކް ރިޒާގެ މައްސަލަ ދިގުލައިގެން ގޮސް އިންސާފަށް ހުރަސްއެޅޭކަމަށް ގަބޫލު ކުރެވޭތީކަމަށް ބުނެ އެ ދައުވާ ފައިލް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް، ފުއްގިރި މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ހިންގަމުން ދާއިރު ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވެފައި ވަނީ ރިޒާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ 2023 ވަނަ އަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފައި ވަނީ އަލުން ދައުވާ ކޯޓަށް ހުށަހަޅާ ގޮތަށެވެ. އޭރު އެގޮތަށް ނިންމި ސަބަބެއްކަމަށް ޕީޖީ އޮފީހުން ބުނީ ރިޒާގެ ފަރާތުން ހުށަހަޅާފައިވާ ދިފައީ ހެކީގެ ސައްހަކަން ކަށަވަރުކޮށް ތަހުލީލު ކުރުމެވެ.
ރިޒާގެ މައްސަލަ ފައިލްކުރިކަން ޕީޖީން ހާމަކޮށްފައި ވަނީ މިއަދު ކުރިޔަށް ގެންދިޔަ ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިންނެވެ. ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ވަކީލުން ސުވާލު ކުރުމުން ޕީޖީގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ދައުލަތުގެ އިރުޝާދާއި އެއްގޮތަށް، އޯޑިއޯގެ ތަހުލީލުގެ ކަންކަން ފުލުހުނަށް ކުރިޔަށް ގެންދެވިފައި ނުވާކަމަށެވެ. އަދި އެގޮތަށް ތަހުލީލުތައް ކުރިޔަށް ނުގެންދެވި ވަނިކޮށް، ދައުވާ ރިވިއުކޮށްދިނުމަށް އެދި ރިޒާގެ ފަރާތުން ޕީޖީން ހުޅުވާލި ފުރުސަތުގައި އެދުނުކަމަށް ވިދާޅުވި އެވެ.
ޝަފީއު އެ ފާހަގަކުރެއްވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާއި ހަވާލުވުމަށް ފަހު އައްބާސް ޝަރީފް ދައުވާތައް ރިވިއު ކުރުމަށް ހުޅުވާލި ފުރުސަތެވެ. އެހެންވެ އެގޮތަށް ނިންމާފައިވާކަމަށް ހާމަކޮށް ޝަފީއު ވިދާޅުވީ ކޯޓުގައި މައްސަލަ އެގޮތަށް ބޭއްވުމަކީ އިންސާފެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އައިސްފައި ވެއެވެ. އެއީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒްގެ އޯޑިއޯއެއް ކަމަށް ބުނެ ރިޒާ ހުށަހެޅި ހެއްކީގެ މައްސަލައެވެ.
ރިޒާގެ ބަލި ހާލަތު ހުރި ގޮތުން ތާވަލު ކުރާ އަޑުއެހުންތައް ކުރިޔަށް ނުގެންދެވޭއިރު، މިއަދު ވެސް ރައީސް ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހާޒިރުވެވެން ނެތްކަމަށް އޮތީ އަންގާފަ އެވެ. އަދި ރިޒާގެ މައްސަލަ އަނބުރާ ގެންދިޔައީ ވެސް އެ ސަބަބާއި ހުރެ ރައީސް ޔާމީންގެ ޝަރީއަތްތައް ވެސް ކުރިޔަށް ނުގެންދެވޭތީ އެވެ.
ރިޒާ ވަނީ އޭނާގެ މެޑިކަލްތައް ހުށަހަޅައި، ބަލި ހާލަތު ހުރި ގޮތުން އަޑުއެހުންތަކަށް ހާޒިރުވެވެން ނެތްކަމަށް އަންގާފަ އެވެ.

