ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން ޑރ. މުހައްމަދު ހަބީބް އިސްތިއުފާ ދެއްވައިފިއެވެ.
”ސަންގަށް“ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހަބީބް އިސްތިއުފާދެއްވީ ރައުދު އަހުމަދު ޒިލާލް އާއި ގުޅުމެއް އޮންނާތީ ކަމަށެވެ. ރައީސް ރިޔާސީ ކޮމިޝަން އުފެއްދެވީ ރައީސުލްޖުމްހޫރިއްުޔާގެ އޮފީހުން ބުނި ގޮތުގައި އިންސާފުވެރި ތަހުގީގެއް ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހިންގުމަށެވެ. އަދި އެ ކޮމިޝަނަށް ވަރަށް ބޮޑެތި ބާރުތަކެއް ރައީސް ވަނީ ދެއްވާފައެވެ.
މި ކޮމިޝަން އުފައްދާ ސަބަބެއްކަމަށް ޤަރާރުގައި ބުނީ ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމެވެ. އަދި އެ މައްސަލައާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގު އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމެވެ.
މި ކޮމިޝަނަށް ރައީސް އަޔަނުކުރެއްވި ބޭފުޅުންގެ މިހާރު ތިއްބެވީ
1. ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
ޑރ. ހަބީބް އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް އިތުރު ބޭފުޅަކު ކޮމިޝަނަށް އައްޔަނު ކުރައްވާނެ ކަމަށް ބެލެވެއެވެ.
ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ހިމެނެނީ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުމެވެ. މިއާއި އެކު ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާއި ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު ވަނީ ލިބިދީފަ އެވެ.

