ހ. ފެންޓެނޯއީ ގޭގެ ނުވަނަ ފަންގިފިލާގެ ފެންލައިޓަކުން، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުރި ރައުދު އަހްމަދު ޒިލާލްގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބެމުންދާކަމަށް ފުލުހުން ބުނެފި އެވެ.
ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް އޮތްކަމަށް ނުބެލެވޭކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވާގޮތުގައި، އެރޭ ދެ މީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ ހިއްސާއެއް ވެދާނެކަމަށް ތުހުމަތުކޮށްފައިވާއިރު، މައްސަލައިގެ އައިއޯއާއި ހަވާލާދީ ކޯޓު އަމުރުގައި ވަނީ ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވެ ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭކަމަށާއި ”ވެއްޓުނީކަމަށް ބެލެވޭކަމަށް“ ބުނެފަ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު ހުރި މީހާކަމަށްވުމާއި އެކު، އޭނާއާއި ސުވާލު ނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރި އެވެ. އަދި މަސްތުވާތަކެއްޗެއް ވެސް ޕޮޒިޓިވެފައިވުމާއި ގުޅިގެން، އޭނާ ހުންނަން ޖެހޭނީ ބަންދުގައިކަމަށް ބުނެފައި ވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައުދު ހައްޔަރުކޮށް ފުލުހުން ބުނީ، އޭނާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބޭ ކަމަށެވެ. ރައުދު ހައްޔަރު ކުރި ފަހުން ވެސް ފަސް ދުވަސްވެފައިވުމާއި އަދި މައްސަލައާއި ގުޅުން ހުރި ދެ ގެ ބަލައި ފާސްކޮށްފައި ވާތީ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ބުނީ އޭނާގެ ފަރާތުން މިހާރު ތަހުގީގަށް ބޭނުންވާ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
މަސްތުގެ ހާލަތުގައި ތިބެ ރައުދުއާއި، ޔުމްނު އެރޭ ވަދެފައިވާ ފެންޓެނޯއީއަކީ ދެ މީހުންނާއި ވެސް ގުޅުމެއް ނެތް ގެއެއްކަމަށް ފުލުހުން ބުނެ އެވެ. އެރޭ ދެ މީހުން އެ ގޭގެ ބައެއް ފްލޯތަކުގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުލުހުން އާންމު ކުރި ނަމަވެސް ތިންވަނަ މީހެއްގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.
މި މައްސަލައިގައި އޭރޭ އެ ދެ މީހުންނާއި އެކު އުޅުނުކަމަށް ފުލުހުން ބުނާ 8 މީހެއްގެ ޕާސްޕޯޓާއި ފޯނު ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފަ އެވެ.

