ތިން މިނިސްޓްރީއަކާއި، ދެ މުވައްސަސާއެއްގެ މަސައްކަތް ކުރަމުން ދިޔަ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅޭ ލިޔުންތަކުގެ ހާޑްކޮޕީތައް ނެތިގެން ގޮސްފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ސުވާލުކުރެއްވީ ހައުސިންގ ޑިވޮލެޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނުގަވާއިދުން ގޯތިތަކެއް ހަވާލުކުރަން މަސައްކަތްކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް އަލިފާނުގެ ހާދިސާގައި ނެތި ގޮސްފައިވޭތޯއެވެ.
މިނިސްޓަރު ވިދާޅުވީ ބިންވެރިޔާ ސްކީމް ހިނގަނީ ޕޯޓަލެއް މެދުވެރިކޮށްކަމަށެވެ. ގޯތި ލިބޭ މީހުންގެ ލިސްޓު ވާނީ ގެޒެޓްކުރެވިފައިކަމަށާއި، މި މައުލޫމާތުވާނީ ޕޯޓަލްގައި ރައްކާކުރެވިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މައުލޫމާތުތައް ބޭނުންވާ ކަންތައްތަކަށް ފޯރުކޮށްދެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއވެެ.
ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނެތިގެން ގޮސްފައިވާކަން މިހާތަނަށް ފާހަގަ ކުރެވިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ހާދިސާ ހިނގައިގެން ދިޔައިރު އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާގުޅޭ ޑޮކިއުމަންޓްތަކުގެ ހާޑްކޮޕީ ނެތިގެން ގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ލިފާނުގެ ހާދިސާގައި ހަލާކުވި ސާވާގެ ހާޑް ޑިސްކުތައް ސިންގަޕޫރަށް ފޮނުވާފައިވާކަމަށް ޖެނުއަރީ މަހުގެ ތެރޭގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަލިފާނުގެ ހާދިސާގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވީ ނަމަވެސް ގެދޮރުވެރިޔާ ފްލެޓު ލިސްޓަށާއި، ފަހުން އިއުލާނުކުރެވުނު ލިސްޓަށްވެސް އެއްވެސް އަސަރެއް ކޮށްފައިނުވާކަމަށް އޭރުވެސް މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ، އެ މައުލޫމާތުތައް ހުރީ ކްލައުޑްގައި ރައްކައުތެރިކުރެވިފައިކަމަށާއި އަލިފާނުގެ ހާދިސާގެ ސަބަބުން ފްލެޓު ލިސްޓުތާއި ގޯތިލިސްޓުގެ އެއްވެސް މައުލޫމާތެއް ގެއްލިގެން ގޮސްފައިނުވާކަމަށެވެ.
މި ހާދިސާ ހިނގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މުޅި އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް ހަތަރު ގަޑިއިރު ހޭދަވީއިރު، ރޯވުމަށް މެދުވެރިވި ސަބަބެއް އަދިވެސް ސީދާ ހާމަކޮށްފައެއް ނުވެއެވެ.

