ޤާނޫނާއި ޤަވާޢިދު ދެމެހެއްޓުމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ކުށްކުރުން މަދުކުރުމުގައި ފުލުހުންގެ އަދާކުރަނީ ވަރަށް މުހިންމު ރޯލެކެވެ. އެއީ ގާނޫނުތައް ތަންފީޒުކުރުމާއި، ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތްކުރުމާއި، މުޖުތަމައުގެ އަމަންއަމާންކަން ދެހެމެހެއްޓުމަކީ އެ އިދާރާގެ ބޮލުުގައި އެޅިފައިވާ ވަރަށް މުހިންމު ޒިންމާއަކަށް ވީތީ އެވެ. މިފަދަ ބޮޑު ޒިންމާއެއް އަދާކުރަން އޮތް މުއައްސަސާއަކުން ކުރަންޖެހޭ މަސައްކަތްތައް ބިނާވެގެން ވަނީ އާންމުންގެ އިތުބާރާއި ޔަގީންކަމުގެ މައްޗަށެވެ. އެހެންނަމަވެސް، މިފަހަކަށް އައިސް ފުލުހުންނަށް އޮތް އިތުބާރު ދިވެހިރައްޔިތުންގެ މެދުގައި ކުރިޔަށް ވުރެ އިތުރަށް ކަސިޔާރުވިކަން ސޯޝަލް މީޑިއާއަށް ބަލާލުމުން ހާމަވެގެންދެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ކުރާ މަސައްކަތްތަކުގެ ތެރެއިން ތަހުގީގުތައް ކުރާ ގޮތާއި މެދު ވަރަށް ގިނަ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ވަނީ އުފެދި، އެ ތަހުގީގުތަކުގެ ދެފުށްފެންނަ އުސޫލެއް ނެތުމާއި، މައްސަލަތަކުގެ ފަހަތުގައިވާ މީހުން ޖަވާބުދާރީކުރުމާއި މެދު ޝައްކު އުފެދިފައެވެ. ދާދި ފަހުން ހިނގި ހާދިސާގެ ތަހުގީގު ކުރިޔަށް ދާ ގޮތަކީ ދިވެހިރައްޔިތުން ފުލުހުންނަށް އޮންނަ އިތުބާރު ކުޑަކަން ހާމަކޮށްދޭ އެއް ހެއްކެވެ.
އެގޮތުން، ހ. ފެންޓެޏޯއީ ގޭގެ ނުވަނަ ފަންގިލާއިން އަންހެނަކު ވެއްޓުނު މައްސަލައިގައި ފުލުހުން ވަނީ މުހިންމު ތަފުސީލުތައް ހިއްސާކުރުން އެތައް ދުވަހެއް ވަންދެން ލަސްކޮށް، އާންމުންގެ މެދުގައި މާޔޫސުކަމާއި ޝައްކުއުފައްދަނިވި އުސޫލަކުން ކަންތައްތައް ކޮށްފައެވެ. ކްލޯސް-ޑޯ ޕްރެސް ބްރީފެއް ބާއްވަން ނިންމައި، މީޑިއާތަކަށް މައުލޫމާތު ހޯދުމުގެ މަގު ހަނިކުރުުމުގެ ސަބަބުން ހާމަކަން ކުޑަކަމުގެ ޝައްކުވާތައް އިތުރަށް ބޮޑުވެގެންދިޔައެވެ.
މީގެއިތުރުން، އެ މައްސަލައިގައި އަންހެން މީހާގެ ޒާތީ މައުލޫމާތު ހާމަކޮށް، އެރޭ އެއްކޮށް އުޅުނު ރައުދުގެ ނަން ފުރަތަމަ ހާމައެއް ނުކުރެ އެވެ. އޭގެ ދުވަސްތަކެއް ފަހުން އަނެއްކާވެސް ޕްރެސްއެއް ބާއްވައި ދިން މައުލޫމާތުން މައްސަލަ އިތުރަށްވީ ގޯހެވެ. ފުލުހުން ދިން މައުލޫމާތުތަކުގައި ހުރި ފުށުއެރުންތައް މާގިނައީ އެވެ.
މި މައްސަލަ ނޫނަސް، ދިވެހި ތާރީހުގައި ހިންގައިދިޔަ ބައިވަރު މައްސަލަތައް އެބަހުއްޓެވެ. އެގޮތުން، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން ކުރި ތަހުގީގައި ހޯމް މިނިސްޓަރ އަލީ އިހުސާން އަދި ކުރީގެ ސީޕީ އަލީ ޝުޖާއު، ޒަކިއްޔާގެ މަރުގެ ތަހުގީގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެއްބަސްވެފައިވާއިރު، އިހުމާލުވި ފުލުހަކަށް އަދިވެސް ފިޔަވަޅެއް އަޅާފައި ނެތުމަކީ ކަންބޮޑުވުމެކެވެ. މިއީ ފުލުހުންނަށް އިތުބާރުކުރަން ދަތި ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އަދި ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ހޯދުންތަކުގެ ތެރޭގައި، ޒަކިއްޔާ އަމިއްލައަށް ކަރުގައި ވަޅި އަޅާފައިވާ ކަމަސް ބުނެ، 8 ސެންޓިމީޓަރުގެ ފުންމިނަށް ވަޅި އެޅީ، ކޮން ނަފްސާނީ ބައްޔަކާހެދިކަން ވެސް ފުލުުހުން ހާމަކޮށްފައި ނެތުމަކީ އެ އާއިލާއާއި ދިވެހިރައްޔިތުންގެ މެދުގައި ފުލުހުންނަށް އޮތް އިތުބާރު ކުޑަވެގެންދިޔަކަމެވެ.
ފުލުހުންނާއި މެދު އާންމުންގެ އިތުބާރު ނެތުމުގެ ސަބަބުން ގާނޫނު ތަންފީޒުކުރާ އިދާރާތްތަކަށާއި މުޅި މުޖުތަމައަށް ބޮޑެތި އަސަރުތަކެއްކުރެއެވެ. ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ނެމުން، ކުށްތައް ރިޕޯޓްކުރުމަށާއި، ހެކި ދިނުމުގައި ނުވަތަ ތަހުގީގުތަކަށް އެއްބާރުލުން ދިނުމުގައި ރައްޔިތުން ފަސްޖެހި، މައްސަލަތައް ހައްލުކުރުމަށް ދަތިތަކާއި ކުރިމަތިވެގެންދެއެވެ. މި އިތުބާރު ގެއްލިގެން ދިއުމުގެ ސަބަބުން ކުށް ކުރުމުގެ ނިސްބަތް އިތުރުވެ، މުޖުތަމައުގެ ހަމަހިމޭންކަން ގެއްލި، ބޮޑު ބިރުވެރިކަމެއްގައި ރައްޔިތުން ދިރިއުޅެން މަޖްބޫރުވެއެވެ.
ބޮޑު އަދި ކުޑަ މައްސަލައަކަށްވީކަމުގައިވިޔަސް، ފުލުހުން ކުރާ މަސައްކަތުގައި ދިވެހި ރައްޔިތުން އިތުބާރުކުރުމަށް ފުލުހުންނާއި އަދި އެހެނިހެން ފަރާތްތަކުން ގޮވާލަމުންދާއިރު، ފުލުހުންގެ ފުށުން ފެންނަ ކަންތައްތަކުގެ ސަބަބުން އެ އިތުބާރު ގާއިމުވާނެތޯ ސުވާލު ކުރެވެ އެވެ. ފުލުހުންނަށް އިތުބާރު ކުރެވެން ކުޑަ ޖާގައެއް ވެސް ލިބުން ބިނާވެގެންވަނީ ފުލުހުން ކުރާ ތަހުގީގުތަކުގައި ތެދުވެރިކަމާއިއެކު، މައްސަލައިގެ ތަހުގީގުގައި ލިބޭ ކުރިއެރުންތަކުގެ މައުލޫމާތު ވަގުތުން ސާފުގޮތެއްގައި ހިއްސާކުރުމާއި، ތަހުގީގުތަަކުގެ ރަނގަޅު ނަތީޖާއެއް ނިކުތުމުގެ މައްޗަށެވެ.
ފުލުހުންނަކީ ދިވެހިރައްޔިތުންގެ ހައްގުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މުއައްސަސާއެކެވެ. ފުލުހަކަށް ވުމުގެ އެންމެ ފަހު މަރުހަލާގައި ވަރަށް ބޮޑު ހުވާއެއްކުރެއެވެ. ”މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެ ގާނޫނުއަސާސީން ބާރުލިބިދޭ ގާނޫނުތަކުގެ ހުކުމްތައް އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު ނެގެހެއްޓުމަށާއި އަމަން ގާއިމުކުރުމަަށެވެ. ކޮންމެ ހާލަތަކާ ކުރިމަތިވިކަމުގައި ވީނަމަވެސް، ފުލުހެއްގެ މަގާމު އަހުރެން އަދާކުރާނީ، އެގޮތުގައި ހުރެކަމުގައި، މާތް ﷲ ގަންދީ ހުވާކޮށް، އެކަން އެގޮތުގައި ކުރުންމަތީ ދެމިހުރުމަަށް އެކަލާނގެ ހަޟްރަތުން އަހުރެން ވާގި އެދެމެވެ.“ މިހެން ބުނެ ހުވާކުރެވޭއިރު، އެ ހުވާގެ ބަސްތަކާއި އެއްގޮތަށް ފުލުހުންގެ އަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިންމުކަމެކެވެ.
ފުލުހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަށް ދިވެހި ފުލުހުންގެ ގާނޫނަށް ފުރަތަމަ އިސްލާހު ތަސްދީގު 2023 ވަނަ އަހަރުކުރިއެވެ. މި އިސްލާހުތަކުގެ މަގުސަދު ފުރިހަމަ ނުވާކަން އަދުގެ ހާލަތައް ބަލާލުމުންވެސް ފެނިގެންދެއެވެ. ފުލުހުންނަކީ ހާމަކަން ބޮޑު، ޖަވާބުދާރީވާ އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ބައެކޭ ދިވެހި ތާރީހުގައި ހިންގައިދިޔަ ކުށްތަކުގެ ތަހުގީގުތަކަށް ބަލާލުމުން ބުނަންވެސް ދަތިއެވެ. ”ޓު ޕްރޮޓެކްޓް އެންޑް ސާރވް“ މި ޝިއާރުގެ ނަމުގައި ހިންގާ މުއައްސަސާ ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކޭތެރިކޮށްދޭނެކަމުގެ ޔަގީންކަމެއް ނެތެވެ. މިހާރު ކުރެވޭ ސުވާލަކީ، ފުލުހުންނަށް އިތުބާރުކުރެވޭނެބާވެއެވެ؟.

