ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އެންމެހާ ބެލެނިވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ. މިއީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބުގައި ފާހަގަކުރެއްވި ކަމެކެވެ.
ރައީސްގެ ޚިޠާބުގައި ”ދިވެހީން އެދޭ ތަމައްދުން ޙާޞިލް ކުރެވޭނީ އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖްތަމަޢު ގުޅިގެން ޤައުމީ މަސައްކަތްތަކެއް ފެށިގެން“ ކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކޮންމެ ދުވަހަކުވެސް ޤައުމު ކުރިއަރަމުންދަނީ މަސައްކަތްތެރީންގެ ސަބަބުންކަން ފާހަގަކުރައްވައި، މަސައްކަތްތެރީންގެ އަޑުއެހުމާއި އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގައި ސަރުކާރުން ދެމިހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އިޤްތިޞާދީ މަސައްކަތްތައް އިތުރުކުރުމަށާއި ވަޒީފާގެ ފުރުޞަތުތައް ގިނަކުރުމަށް ސަރުކާރުން އިސްކަންދޭކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މަސައްކަތުގެ އަޚްލާޤާއި ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތުގައިވާގޮތަށް ކޮންމެ މުސްލިމަކީވެސް ކެރި ކުޅަދާނަވީ މިންވަރަކުން މަސައްކަތްތެރިއަކަށް ވާންޖެހެއެވެ. އަދި ”ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ޤައުމުގެ ހީވާގި ޚިދުމަތްތެރީން“ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޚިޠާބު ނިންމަވާލެއްވުމުގެ ގޮތުން ރައީސް ފާހަގަކުރެއްވީ ދިވެހިރާއްޖެ މިއަދު މިދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީންކަމަށާއި، މާދަމާ ޤައުމު ދާން އުންމީދުކުރާ އުސްމިންތަކަށް ވާޞިލުކޮށްދޭނީވެސް މަސައްކަތްތެރީންކަމުގައެވެ.

