ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 13 ވަކީލަކަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިއްޖެ

ވަކީލުން ހުވާކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ބާ ކައުންސިލުން 13 ފަރާތަކުން ޤާނޫނީ ވަކީލުކަމުގެ ހުވައިކޮށް، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދައިފިއެވެ.

މިއީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށްޓަކައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން މި އަހަރު އިންތިޒާމުކުރި ދެވަނަ ރަސްމިއްޔާތެވެ.

ޤާނޫނީ ފަންނަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ބޭއްވުނު މި ބާ އެޑްމިޝަން ރަސްމިއްޔާތުގައި އަލަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބޭ ފަރާތްތަކަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާއެވެ. އަދި އެފަރާތްތަކުގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހަވާލު ކޮށްދެއްވީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު ޙުސައިން ސިރާޖްއެވެ.

މި ރަސްމިއްޔާތުގައި ޤާނޫނީ ދާއިރާއާ އަލަށް ގުޅުނު ފަރާތްތަކާ މުޚާޠިބުކޮށް ވާހަކަފުޅު ދައްކަވަމުން، ޤާނޫނީ ވަކީލުންގެ މަތިވެރި ދައުރާއި މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، ޢަދުލު އިންސާފު ޤާއިމުކުރުމާއި ޤާނޫނީ ވެރިކަން ދެމެހެއްޓުމުގައި ޤާނޫނީ ވަކީލުންގެ އިސް ދައުރު ފާހަގަކުރައްވައި، އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ މުހިންމުކަންވެސް ބަޔާންކުރެއްވިއެވެ. އަދި ދިވެހިރާއްޖެ ފަދަ ޤައުމެއްގައި ޤާނޫނީ ޙިދުމަތް ދިނުމުގައި މާލީ ފޯރުންތެރިކަން ނެތް ފަރާތްތަކަށް ހިލޭ ޤާނޫނީ ޙިދުމަތް ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ މީޑިއޭޝަން އަދި އާބިޓްރޭޝަންގެ މަސައްކަތުގައި ފެނުމުގެ އުންމީދުކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި ޤާނޫނީ ވަކީލުންނަކީ ޕްރޮފެޝަނަލް އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރި، އެ މިންގަނޑުތައް ދަމަހައްޓާ، މަތިވެރި އަޚްލާޤެއް ލިބިގެންވާ ބަޔަކަށް ވާންޖެހޭނެކަން އިތުރަށް ފާހަގަކުރެއްވިއެވެ.

ބާ ކައުންސިލުގެ ރައީސްގެ ވާހަކަފުޅު ނިންމާލައްވަމުން އަލަށް ޤާނޫނީ ދާއިރާއާ ގުޅުނު ޤާނޫނީ ވަކީލުންނަކީ އެހެން ފަރާތްތަކަށް ރަނގަޅު ނަމޫނާއަކަށް ވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯއްދެވި 13 ބޭފުޅުންނާއެކު މިހާތަނަށް ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން 461 މީހަކަށް ދިވެހިރާއްޖޭހގެ ބާ ކައުންސިލުން ވަނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: