އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގައި ބަންޑާރަނައިބު އަހުމަދު އުޝާމް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖީ)އަށް ހާޒިރުވެވަޑައިގެން މިއަދު ބަޔާން ދެއްވާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން ބުނެފައިވަނީ އުޝާމް ބަޔާން ދިނުމަށް ހަމަޖެހިފައިވަނީ މިއަދުގެ ގާތް ގަނޑަކަށް 12:30 ހާއިރު ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލްތައް ހާމަކުރާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި މެދު ގޮތެއް ނިންމައި، ހަމަލާތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމާފައިވާ ރިޕޯޓު މަޖިލީހުން ފާސްކޮށް އެބިލު ތަސްދީގު ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
މި ބިލު ފާސްކުރުމަށް ފެންނަކަމަށް 83 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. ބިލު ފާސްކުރުމަށް ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.
މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ. އިންޓަނޭ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދިޔަ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ“ ސްޓްރިޕް މައްސަލައަށް ދިވެހިރާއްޖެއިން މީގެކުރިން ވަނީ ތަދައްޚުލުވުމަށް ހުށަހަޅައިފައެވެ.

