ރާއްޖޭގައި މަސައްކަތް ކުރާ 150،000 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކުރެވިއްޖެ ކަމަށާއި، މިއީ ބޮޑު ކާމިޔާބީއެއްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއް ކަމަށެވެ. އެގޮތުން 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކުރެވިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވަނީ މި ބުރަ މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ހަމައެއާއެކު، މިއަހަރުގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުން ދާއިރު، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރަާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ޤަވާއިދާ ހިލާފަށް އުޅެމުން މަސައްކަތްކުރުވުމުގެ ނަތީއްޖާއެއްގެ ގޮތުން އެމީހުންގެ އަސާސީ އިންސާނީ ހައްގުތައްވެސް ނިގުޅައިގަނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މިކަމަށްޓަކައި ކުރެވޭ އެއްމެ ފުރަތަމަ އަދި އެއްމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ހިމެނޭހެން ބައޯމެޓްރިކްސް މައުލޫމާތު ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ”ކުރަގި“ގެ ނަމުގައި ފެށީ މި ހިނގަމުންދާ ސަރުކާރުގައެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމުގެ އެންމެ ފަހު ތާރީޚަކީ 2025 އޭޕްރީލް 30 ވަނަ ދުވަސް ކަމަށާއި، އަދި މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ދިވެހިރާއްޖެއިން ޑީޕޯޓު ކޮށްލާނެކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ވަނީ ބުނެފައެވެ.

