ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ބާއްވަވައި، 15 ގަޑިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްރެސް ކުރިޔަށް ގެންދަވައިފި އެވެ.
މިއަދުގެ ހެނދުނު 10:00 ގައި ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރޭކްތައް ނަގާފައި ވަނީ ހަމައެކަނި ނަމާދު ވަގުތަށެވެ.
ޕްރެސް ފައްޓަވައި ރައީސް މުއިއްޒު އެންމެ ފުރަތަމަ ހުށަހަޅުއްވާފައި ވަނީ، ދޮޅު ގަޑިއިރުގެ ޕްރެޒެންޓޭޝަނެކެވެ. މި ޕްރެޒެންޓޭޝަނުގައި ސަރުކާރުގެ ސިޔާސަތުތަކާއި، ވައުދުތައް ފުއްދުމަށް ކުރެވިފައިވާ މަސައްކަތައް ހިމަނުއްވާފައި ހުއްޓެވެ.
ނޫސްވެރިންނަށް ބޭނުން ވަރަކަށް ސުވާލު ކުރުމަށް ފުރުސަތު ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ސިޔާސީ މަސްރަހުގައި ހުރި ފާހަގަކުރެވޭ ކަންކަމުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި އަދި ސަރުކާރަށް އަމާޒުވާ ފާޑުކިއުންތަކާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރި އެވެ.
އޭގެ ތެރޭގައި މާލޭގެ ގެއެއްގެ ފެންލައިޓަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގައި ދެކެވޭ އެކި ވާހަކަތަކާއި އަދި ތަހުގީގުގައި ސުވާލު އުފެދޭ ކަންކަން ހުރިކަން ނޫސްވެރިން ފާހަގަކުރި އެވެ.
މީގެއިތުރުން ރާއްޖޭގެ ޝަރުއީ ނިޒާމާއި، ސަރުކާރަށް އަމާޒުވާ ކޮރަޕްޝަނުގެ ތުހުމަތުތައް އަދި މަޖިލިސް މެމްބަރުންނަށް އޮތް ނުފޫޒާއި ގުޅޭގޮތުން ވަނީ ސުވާލުކޮށްފަ އެވެ.

