ޤާނޫނޫ އަސާސީއަށް ހުށަހަޅާ އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ހިއްސާ ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤާނޫނޫ އަސާސީއަށް ހުށަހަޅަން ވިސްނަވާ އިސްލާހުތައް ހިއްސާ ކުރައްވާފައެވެ.
މީގެ ތެރޭގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުން ހިމެނެއެވެ. އަދި ރިޔާސީ އިންތިޚާބު ”ޕްރިފަރެންޝިއަލް ވޯޓިން“ ނިޒާމަކަށް ބަދަލުކޮށް އިންތިޚާބުގެ ދެވަނަ ބުރު ނޯންނަ ގޮތަށް ހަމަޖެއްސުމާއި، ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެމްބަރު ކަމުގައި ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރު ނުވާނޭހެން 93 ގައި ހިފެހެއްޓުން ހިމެނެއެވެ.
ހަމައެއާއެކު، ރައްޔިތުން ވޯޓު ދީގެން ހޮވާފައިވާ އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް، ”ރިކޯލް ވޯޓެއް“ ނަގައި ވަކިކުރަން ފާސްވެއްޖެނަމަ، އެ ފަރާތްތައް ވަކި ކުރެވޭނެ ނިޒާމެއް ތައާރަފް ކުރުންވެސް ހިމެނެއެވެ. އަދި އަތޮޅު ކައުންސިލްތަކާއި ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތައް އެފިޝިއެންޓް ގޮތަކަށް ކުރިއަށް ގެންދިއުމަށް އެންމެ އެދެވެނީ އަތޮޅު ކައުންސިލްތައް އުވައިލުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭނެ އެންމެ މަތީ މިންވަރު ޤާނޫނުން ބަޔާންކުރުމާއި އެންމެ ގިނަވެގެން އައްޔަންކުރެވޭނެ މަގާމުތަކުގެ އަދަދު މަޖިލީހުން ކަނޑައަޅާގޮތަށް ބަދަލުކުރުމާއި، ސިޔާސީ މަގާމު ތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލު މަޖިލީހާއި ހިއްސާ ކުރަންޖެހޭ ގޮތަށް ޤާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވަން ވިސްނަވާކަމަށް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެންނަށް ހުށަހަޅުއްވާ 7 ބަދަލެއް ވެސް އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.

