ދިރާގު ފުވައްމުލަކު ރަން 2025 ވަނީ ފުވައްމުލަކު ސިޓީގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި މިއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގްބޫލް ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ އެޑިޝަނެއް އަތޮޅުތެރޭގައި އަދި މި ހާއްސަ މަންޒިލުގައި ބޭއްވި ފުރަތަމަ ފަހަރެވެ.
މި ދުވުމަކީ ފުވައްމުލަކު ސިޓީ ކައުންސިލް، ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، އަދި ދިވެހިރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަންއާ ގުޅިގެން އިންތިޒާމުކޮށްފައިވާ ދުވުމެކެވެ. މި ދުވުމުގެ މަގުސަދަކީ، ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހި ކޮށްދިނުމެވެ.
މި ތާރީހީ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1112 ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. މި ދުވުމުގައި ހިމެނުނު ކެޓަގަރީތަކުގެ ތެރޭގައި 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ހިމެނެއެވެ.
ޑީ.އެމް.އާރ.އާރ އާ އެއްފަދައިން، ދިރާގު ފުވައްމުލައް ރަން ގައި ބައިވެރިވެ އެކިއެކި ވަނަތައް ހޯދި ދުވުންތެރިންނަށް ޖުމްލަ 232،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހަވާލުކޮށްފައެވެ.

