އޮޑިދޯނި ފަހަރު ބަނުމަށް ލުއިލޯނު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އޮޑިދޯނިފަހަރު ބަނުން ނުވަތަ ބޯޓް ބިލްޑިންގ ދާއިރާއަށް ޚާއްސަކޮށްގެން ލޯނު ފެސިލިޓީއެއް ތައާރަފު ކުރުމަށްޓަކައި ބޭނުންވާ އެއްބަސްވުން ޑްރާފްޓްކުރެވި ބޭންކާއިއެކު އެއްބަސްވުން ފައިނަލައިޒް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ކުރިއަށް ގެންދަވާކަމަށެވެ.
މީގެ އިތުރުން، މިއީ ދިވެހީންނަށް މަސައްކަތުގެ ދާއިރާއިން ހުރި ފުރުސަތުތައް ފުޅާކުރުމަށް އިސްކަންދީގެން، ދިވެހީންނަށް ހާއްސަ ވަކި ދާއިރާތަކެއް ކަނޑައަޅައި ފަށާފައިވާ ތިން އަހަރުގެ މުއްދަތުގެ މަޝްރޫއެއްގެ ތެރޭގައި ހިމެނޭ ކަމެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މި ދާއިރާތަކުގެ ތެރޭގައި އޮޑިދޯނިފަހަރު ބަނުމުގެ އިތުރުން، މާވަޑާމުގެ ދާއިރާއާއި، ހެއަރ ޑްރެސަރ އެންޑް ބިއުޓީޝަން، ރިޒޯޓު މިއުޒީޝަނުންނާއި ބޭންޑުތައް، ކަސްޓަމަރ ސަރވިސްއާއި، ހައުސްކީޕިންގ، ފްރަންޓު އޮފީސް އަދި އެޗްއާރު މެނޭޖަރގެ އިތުރުން، ޑައިވިންގ އިންސްޓްރަކްޓަރުންނާއި ޓުއަރ ގައިޑުން ހިމެނެއެވެ.
މިއީ ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

